މި އަހަރުގެ މިހާތަނަށް ރާއްޖޭގައި އިތުރު 100 ގެސްޓް ހައުސް ހުޅުވާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މި އަހަރު އަލަށް ހުޅުވި 100 ގެސްޓް ހައުސްއާއިއެކު، ގެސްޓް ހައުސްގެ ޖުމްލަ އަދަދު ވަނީ 909 އަށް އަރައިފަ އެވެ.
މި އަހަރު ފެށުނު އިރު، ގެސްޓް ހައުސްތަކުގެ ބެޑް ކެޕޭސިޓީ ހުރީ 13،657 ގަ އެވެ. އެއީ 809 ގެސްޓްހައުސްއާ އެކީގަ އެވެ. ނަމަވެސް، އަލަށް ހުޅުވި ގެސްޓް ހައުސްތަކާ އެކު ބެޑް ކެޕޭސިޓީ ވަނީ 15،325 އަށް އަރައިފައެވެ.
އެހެންވެ، މި އަހަރު އަލަށް ހުޅުވި ގެސްޓް ހައުސްތަކާއި އެކު ބެޑް ކެެޕޭސިޓީ އަށް ޖުމްލަ 1،214 އެނދު އިތުރުވިއެވެ.
މި އަހަރު މުޅި ރާއްޖޭގެ ޓޫރިޒަމްގެ ބެޑް ކެޕޭސިޓީއަކީ 62،864 އެނދެވެ. އެއީ، 171 ރިސޯޓަކުން 42،539 އެނދާއި 909 ގެސްޓުހައުސް އިން 15،325 އެނދާއި 155 ސަފާރީއަކުން 3،044 އެނދު އަދި 41 ހޮޓަލަކުން 1،956 އެނދެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.8 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ ކަމަށް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމެންވާއިރަށް ދެ މިލިއަން ޓޫރިސްޓުން ގެނައުމެވެ.
ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ރާއްޖޭގައި ވަރަށް ބޮޑަށް އަންނަނީ ފުޅާވަމުންނެވެ. އަދިވެސް ވަރަށް ގިނަ ރަށްރަށުގައި އިތުރު ގެސްޓް ހައުސްތައް ހެދުމުގެ މަސައްކަތް ކުރިއަށް ދެ އެވެ.









