އަންނަ އަހަރު ހައްޖަށް ދިއުމަށް ޔަގީންކަން ދީފައިވާ އެންމެނަށް އެ ފުރުސަތު ލިބޭނެ ކަމަށް އިސްލާމީ ކަންކަމާއިބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ 1446 (2025) ވަނަ އަހަރު ހައްޖުގެ އަޅުކަން އަދާކުރުމުގެ ޖާގަ ކޯޕަރޭޝަންގެ ސިސްޓަމްގެ ތެރެއިން ޔަގީންކަން ދެވިފައިވާ ހުރިހާ ފަރާތްތަކަށް ހައްޖަށް ދިއުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
ރާއްޖޭގައި ހައްޖަށް ދިއުމަށް ކިއުގައި މަޑުކޮށްގެން ތިބޭ މީހުންގެ އަދަދު ވަރަށް ގިނަކަން ފާހަގަކުރެވެއެވެ. ލިސްޓްގައި ޖެހިގެން ގިނަ މީހުންނަށް ހައްޖަށް ދެވެނީ ދެތިން އަހަރު ފަހުންކަން އެނގިފައިވެއެވެ.
ހައްޖަށް ގިނަ މީހުން ގެންދިއުމަށް އެކަމުގެ މަޝްވަރާތައް ސަރުކާރުން ވަނީ ސައުދީ އަރަބިއްޔާއާ އެކު ކޮށްފައެވެ. މިގޮތުން، ވެރިކަމާއި ހަވާލުވެވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު، ސައުދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު، ޕްރިންސް ފައިސަލް ބިން ފަރްހާދު އަލް-ސައުދުއާ ކުރެއްވި ބައްދަލުވުމެއްގައި ވަނީ ކޮންމެ އަހަރަކު ވެސް ރާއްޖެއިން ހައްޖަށްދާ މީހުންގެ އަދަދު ނުވަތަ ހައްޖު ކޯޓާ އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ.
މިދިޔަ އަހަރު ރާއްޖެއިން ހައްޖުވެރިންގެ ގޮތުގައި 1،150 މީހަކު ސައުދީ އަރަބިއްޔާއަށް ދިޔަކަން ފާހަގަ ކޮށްލެވެއެވެ. އަންނަ އަހަރު މި އަދަދު އިތުރުވެ، ހައްޖަށް ދިއުމަށް ޔަގީންކަން ދެވިފައިވާ އެންމެންނަށް އެ ފުރުސަތު ލިބިގެންދާނެކަމަށް އުއްމީދު ކުރެވެއެވެ.









