ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލޭ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމަށް ބޭނުންވާ ކަންކަން ފަހިކޮށްދޭނެ ކަމުގެ ޔަގީންކަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު މިއަދު ދެއްވައިފިއެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ފަޒުލް ވިދާޅުވީ، އެޗްޑީސީން މާލޭ ސިޓީ ކައުންސިލަށް ދޫކޮށްލަނީ ހަމައެކަނި މުނިސިޕަލް ޚިދުމަތްތަކާއި ގުޅޭ ކަންކަން ކަމަށާއި، މިކަން ކުރުމަށް މާލޭ ސިޓީ ކައުންސިލަށް ދޭންޖެހޭ އެންމެހައި އެއްބާރުލުން އެ ކުންފުނީގެ ފަރާތުން ދެއްވާނެ ކަމަށެވެ.
"މުނިސިޕަލް ޚިދުމަތްތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް ނުވަތަ މާލޭ ސިޓީ ކައުންސިލްގެ ޤާނޫނީ އިމުގެ ތެރެއިން ކުރަންޖެހޭ ކަންތައްތައް ކުރުމަކަށް އެޗްޑީސީގެ އެއްވެސް ހުރަހެއް ނެތް," ފަޒުލް ވިދާޅުވިއެވެ.
"މިތިބީ އެ ފުރުސަތު އެ ބޭފުޅުންނަށް ފަހިކޮށްދޭން. މީގައި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގޮންޖެހުންތަކެއް އެ ބޭފުޅުންނަށް އަމާޒުވެފައި އެ އޮތީ އެ ބޭފުޅުން މިކަން ކޮމާޝަލީ ވައިބަލް ކުރާނީ ކިހިނެތްތޯ." ފަޒުލް ވިދާޅުވިއެވެ.
މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ފަހުމުނާމާ އެއްގައި ސޮއިކުރެވި، ގައިޑްލައިންތަކެއް ކަނޑައެޅި، އެ މަސައްކަތްތައް މިހާރު ކުރެވެމުންދާ ކަމަށް ވެސް ފަޒުލް ހާމަކުރެއްވިއެވެ.
މިކަމާއި ގުޅޭގޮތުން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަޙްމަދު ނަރީޝް ވިދާޅުވީ، މިކަމުގައި މާލޭ ސިޓީ ކައުންސިލަށް ދިމާވާ އެންމެ ބޮޑު ހުރަހަކީ މާލީގޮތުން ހުރި ދަތިތައް ކަމަށެވެ. އަދި މިފަދަ ޚިދުމަތެއް ދިނުމަށް ހަވާލުވާއިރު މާލޭ ސިޓީ ކައުންސިލުން ބޭނުންވަނީ އެޗްޑީސީން އެ ޚިދުމަތް ދެމުން އަންނަ ގޮތަށްވުރެ ރަނގަޅަށް އެ ޚިދުމަތް ދިނުން ކަމަށް ނަރީޝް ފާހަގަ ކުރެއްވިއެވެ.
ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއް ކަން ފާހަގަ ކުރެވެއެވެ.









