ބުޅާތަކަށް އަޅާލުމަށް ބޭނުންވާ މިންގަނޑުތައް ކަށަވަރުނުވާތީ މިވަގުތު "އޮޅުހިޔާ" އަށް ބުޅާތައް ގެންދަން އަދި ތައްޔާރު ނޫން ކަމަށް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓްރީން މިއަދު ބުނެފިއެވެ.
މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ފެސިލިޓީއަށް ގެންދިއުމުގައި އަމަލުކުރާނެ ގޮތުގެ އެސްއޯޕީތަކާއި، ޕްލޭންތަކާއި ލަފާތައް މިނިސްޓްރީން މާލެ ސިޓީ ކައުންސިލަށް ހިއްސާކޮށްފައިވީ ނަމަވެސް، މިހާތަނަށް ކައުންސިލުން އެއްވެސް ހިޔާލެއް ހުށަހަޅާފައި ނުވާކަމަށެވެ.
އެގޮތުން، މާލެ ސިޓީ ކައުންސިލުން މިހާރު ރާވާފައިވާ ގޮތަށް މަގުމަތީ ބުޅާތައް އޮޅިހިޔާއަށް ގެންދިއުމަކީ މިނިސްޓްރީގެ ތާއީދު އޮތް ކަމެއް ނޫން ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެސްއޯޕީތަކަށް ރިއާޔަތްނުކޮށް މިކަން ކުރިއަށް ގެންގޮސްފިނަމަ، ބުޅާތަކުގެ ސިއްޙަތާއި ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށް މިނިސްޓްރީން ފާހަގަކުރިއެވެ.
މިވަގުތު ބުޅާ ފެސިލިޓީގައި ފުރިހަމަވާން ޖެހޭ ގިނަ ކަންތައްތަކެއް ނުނިމި ހުރިކަމަށް މިނިސްޓްރީން ފާގަކުރިކުރިއެވެ. އޭގެ ތެރޭގައި:
- ބުޅާ ފެސިލިޓީގައި މަސައްކަތް ކުރާނެ ފަންނީ މަސައްކަތްތެރިން ރަޖިސްޓްރީ ކުރެވިފައި ނުވުން.
- އަލަށް ގެނެވޭ ބުޅާތައް ކަރަންޓީނު ކުރެވޭނެ ކޮށިތައް ނެތުން.
- ބަޔޮލޮޖިކަލް ވޭސްޓު ނައްތާލެވޭނެ ރައްކާތެރި ނިޒާމެއް ނެތުން.
- ބުޅާތަކަށް ކާނާ އާއި ފެން، އަދި ބޭނުންވާ އެހެން ތަކެތި ހޯދިފައި ނުވުން.
- ބުޅާތަކަށް އަޅާލާނެ މުވައްޒަފުން ނެތުން.
މިނިސްޓްރީން އިތުރަށް ބުނީ، މިފަދަ އިންތިޒާމުތައް ހަމަނުޖައްސައި އޮޅުހިޔާއަށް ބުޅާތައް ގެންދިއުމުން ބުޅާތަކުގެ ސިއްހަތަށާއި ދުޅަހެޔޮ ކަމަށް ނޭދެވޭ އަސަރުތަކެއް ކުރުން އެކަށީގެންވާ ކަމަށެވެ.
އޮޅުހިޔާއިން ހިދުމަތް ދޭން ފެށުމުގެ ކުރިން މިމައްސަލަތައް ހައްލުކުރަން ޖެހޭކަމަށާއި، މާލެ ސިޓީ ކައުންސިލުގައި މި ކަންތައްތައް ހައްލު ކޮށްދެއްވުމަށް ވާނީ އެދިފައި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.