ސަރުކާރުން އަޅަމުންދާ ހަރުދަނާ މާލީ އިސްލާހީ ފިޔަވަޅުތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ކްރެޑިޓް ރޭޓިންގ އޭޖެންސީ މޫޑީސްއިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގ ސީއޭއޭ2ގައި ދަމަހައްޓައިފިއެވެ. މިއީ މި ސަރުކާރަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ.
މިއަދު މޫޑީސްއިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަކީ ކްރެޑިޓް ރޭޓިންގ ދެމެހެއްޓުމަށް މަގުފަހިކޮށްދިން މުހިންމު ކަންކަމެވެ. މީގެ ތެރޭގައި ރިޒޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކުރުމަށް އަންގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އަލަށް ތަޢާރަފުކުރި ބޭރު ފައިސާއާބެހޭ ގަވާއިދާއި، ޑިޕާޗަރ ޓެކުހާއި އެއަރޕޯޓު ޑިވެލޮޕްމަންޓް ފީ ބޮޑުކުރުން ހިމެނެއެވެ.
މޫޑީސްގެ އަންދާޒާގައި، މި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ފާއިތުވި މުއްދަތުގައި ރާއްޖެއަށް ބޭރު ފައިސާގެ ފައިނޭންސިންގ ހޯދުމުގައި ކާމިޔާބީތަކެއް ހާސިލުވެފައިވާކަން ވެސް މޫޑީސްއިން ފާހަގަކޮށްފައިވެއެވެ.
މިގޮތުން، މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖެއާއި އިންޑިއާއާ ދެމެދު ވެވުނު 400 މިލިއަން އެމެރިކާ ޑޮލަރާއި 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް އެއްބަސްވުމަކީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް ކޮށްފައިވާ މުހިންމު ކަމެއްކަމަށް މޫޑީސްއިން ބުނެފައިވެއެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވި ގޮތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކުގެ ދަށުން އާމްދަނީ ހޯދޭނެ ގޮތްތައް އިތުރުކޮށް، ޚަރަދުތައް ބަލަހައްޓައި، ދައްކަންޖެހޭ ބައެއް ދަރަނިތަކުގެ މުއްދަތު އިތުރުކޮށް، ރަޙްމަތްތެރި ޤައުމުތަކާއިއެކު މަސައްކަތްކޮށްގެން ރާއްޖޭގެ ހާލަތު މިހާރު ރަނގަޅު ކުރެވިފައިވެއެވެ.
މޫޑީސްއިން ފާހަގަކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މި މިންގަނޑުގައި ދެމެހެއްޓުން ނުވަތަ މަތިވުން ބިނާވާނީ ސަރުކާރަށް ބޭރު ފައިސާއިން ފައިނޭންސިންގ ހޯދޭ މިންވަރަށާއި، އަންނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި ކަނޑައަޅާފައިވާ ފިސްކަލް ރިފޯމްތައް ކާމިޔާބުކަމާއެކު ތަންފީޒުކުރުމުގެ މައްޗަށެވެ.
މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، ރާއްޖެއިން އިންޑިއާއާ އެކު ހެދި ކަރަންސީ ސްވޮޕް އެއްބަސްވުމާ އެކު ލިބުނު 400 މިލިއަން ޑޮލަރާ އެކު ރަސްމީ ރިޒާވް 614 މިލިއަން ޑޮލަރަށް އަރާފައިވެއެވެ. މިއީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުވަމުން އަންނަކަމުގެ ހެއްކެކެވެ.
އެހެންނަމަވެސް، މޫޑީސްއިން ވަނީ ރާއްޖެއިން ދައްކަން ޖެހޭ ބޮޑު ދަރަންޏާއި ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން 18 މަސް ތެރޭގައި ބޭރުގެ ދަރަނި އަދާކުރުމަށް ބޮޑު ހޭދައެއް ކުރަންޖެހޭނެކަމަށް ބެލެވޭއިރު، ބޭރު ފައިސާ ލިބުމަށް ހުރި ދަތިތައް އަދިވެސް ދެމިގެންދާނެކަމަށް މޫޑީސްއިން ބުނެފައިވެއެވެ.
ނަމަވެސް، މި ސަރުކާރުން ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން ދެމުން އަންނައިރު، މާލީ ހާލަތު ރަނގަޅު ކުރުމަށް ޓަކައި މިހާރު ވެސް ބައެއް ފިޔަވަޅުތައް އަޅައި، އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި އިތުރު ފިޔަވަޅުތައް ހިމަނާފައިވާކަން ފާހަގަކުރެވެއެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހުގައި މިއަދު ފާހަގަކުރެއްވި ގޮތުގައި، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އާއި އެހެނިހެން ރޭޓިންގ އެޖެންސީތަކުން ވެސް މިހާރު ރާއްޖެ ބަނގުރޫޓު ވުމުގެ ވާހަކަ ނުދައްކާކަން ފާހަގަކުރެއްވިއެވެ. މިއީ ސަރުކާރުގެ މާލީ ސިޔާސަތުތަކުގެ ސަބަބުން ލިބިގެންދިޔަ ކުރިއެރުމެކެވެ.









