ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ހދ. ކުޅުދުއްފުށީ ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނު އެ ރަށު ޑޭޒީފެހި، މުޙައްމަދު ޙަސަން މަރުވެފައިވަނީ ގެނބިގެން ކަމަށާއި އެކަމުގައި އެހެން މީހެއްގެ ބައިވެރިވުމެއް ނެތް ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މުޙައްމަދު ޙަސަންގެ މަރުގެ ސަބަބު ބެލުމަށް އިންޑިއާގައި ހެދި ޕޯސްޓުމޯޓަމުން ދައްކާ ގޮތުގައި އޭނާ މަރުވެފައިވަނީ ގެނބުމުގެ ސަބަބުންނެވެ. ނަމަވެސް ޕޯސްޓްމޯޓަމްގެ ދާއިމީ ރިޕޯޓް އަދި ލިބިފައެއް ނުވެއެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ސާމިހު ވިދާޅުވީ މުޙައްމަދު ޙަސަން އެ ރޭ ދަންވަރު ބަނދަރުމަތީގައި އުޅުނު މަންޒަރު ސީސީޓީވީ ފުޓޭޖްތަކުން ފެނިފައިވާ ކަމަށެވެ. އަދި ބަނދަރުގެ ވާޓަރު މަތިން އޭނާ ފެނިފައިވާ ކަމަށްވެސް ސާމިހު ވިދާޅުވިއެވެ.
"މިހާތަނަށް ތަހުގީގަށް ބަލާއިރު މުޙައްމަދު ޙަސަންގެ މަރުގައި އިތުރު މީހެއްގެ ބައިވެރިވުމެއް އޮތް ކަމަކަށް ނުބެލެވޭ،" ސާމިހު ވިދާޅުވިއެވެ.
ސާމިހު ވިދާޅުވީ މި މައްސަލައިގެ ތަޙްޤީޤު އެއްކޮށް ނިންމޭނީ ޕޯސްޓްމޯޓަމްގެ ދާއިމީ ރިޕޯޓް ލިބުމުން ކަމަށެވެ.
މުޙައްމަދު ޙަސަން ބަނދަރު މަތިން މޫދަށް ވެއްޓުނު ކަމަށް ބެލެވެނީ 2:55 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. އޭގެފަހުން އޭނާ ފަޅު ތެރޭގައި މަރުވެފައި އޮއްވާ ފެނިގެން ހޮސްޕިޓަލަށް ގެންދިޔައެވެ. ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ އޮތީ މަރުވެފައެވެ.
ފުލުހުން ބުނާ ގޮތުގައި އޭނާގެ ހަށިގަނޑުގައި ބައެއް ތަންތަން މަށައިގެން ގޮސްފައިވާ ކަމުގެ ނިޝާންތަކެއް ހުރި ނަމަވެސް މީހެއްގެ ފަރާތުން އަނިޔާއެއް ލިބިފައިވާ ކަމުގެ އެއްވެސް ނިޝާނެއް ނެތެވެ.









