ޗައިނާ ސަފީރު ވަންގް ލިޒިން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ވަދާއީ ޒިޔާރަތެއް މިއަދު ކުރައްވައިފި އެވެ.
ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލިޒިން އޭނާގެ ހަތަރު އަހަރުގެ ދައުރު ހަމަވުމުން އަނބުރާ ގައުމަށް ވަޑައިގަތުމުގެ ކުރިން މިއަދު ވަނީ ރައީސް އޮފީހުގައި ރައީސްއާއި ބައްދަލުކުރައްވައިފަ އެވެ.
ރައީސް އޮފީހުން ބުނީ ސަފީރު ވަންގް ލިޒިން ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި، ވަދާއީ ސަލާންކުރެއްވުމަށް އެމަނިކުފާނުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވާފައިވާ ކަމަށެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރާއްޖެ އާއި ޗައިނާގެ ގާތް ގުޅުން ދެމެހެއްޓުމަށްޓަކާ ސަފީރު ކޮށްދެއްވި ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ރާއްޖޭގެ ތަރައްގީގައި ޗައިނާއިން މުހިންމު ދައުރެއް އަދާކުރާކަން ވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރެއްވި އެވެ.
ޗައިނާގެ ސަފީރު ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި ދިވެހި ސަރުކާރުން އޭނާއަށް ދެއްވި އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު ދަންނަވައި، މި ސަރުކާރުން ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ހޯދާފައިވާ ކާމިޔާބީތަކަށް މަރުހަބާ ދަންނަވައިފަ އެވެ. އަދި ދެ ގައުމުގެ ގާތް ގުޅުން ހަރުދަނާ ގޮތެއްގައި ދަމަހައްޓަމުން އަންނާތީ ސަރުކާރަށް ތައުރީފުކުރެއްވި އެވެ.
ޗައިނާގެ އެހީތެރިކަމާ އެކު ރާއްޖޭގައި ހިންގަމުން އަންނަ ޕްރޮޖެކްޓުތަކާއި އަދި ކުރިއަށް ގެންދަން ރާވާފައިވާ ޕްރޮޖެކްޓުތަކާއި ގުޅޭ ގޮތުން އެ ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.









