ޑޮލަރަށް ބަރޯސާވުން ކުޑަކުރުމަށް ޗައިނާ އިން އަޅާ ފިޔަވަޅުތަކަށް އެމެރިކާ އިން އަމާޒުކޮށްފިނަމަ ޖަވާބުދާރީވާނެ ކަމުގެ ހަރުކަށި އިންޒާރެއް ޗައިނާއިން އެމެރިކާ އަށް ދީފިއެވެ.
ޗައިނާގެ އިސް ފަރާތްތަކުން ބުނެފައިވަނީ އެމެރިކާ އިން އެކަމަށް ހުރަސްއަޅައިފިނަމަ، ޗައިނާ އިން އެމެރިކާގެ ޓްރެޜަރީ ބޮންޑުތައް ވިއްކާލުމާއި، ނާދިރު މައުދަނުތަކުގެ އެކްސްޕޯޓް މަދުކުރުމާއި، ފައިސާގެ އެ އަގު ދަށްކުރުން ފަދަ ފިޔަވަޅުތައް އަޅާފާނެ ކަމަށެވެ. ގްލޯބަލް ޓައިމްސް އިން ބުނެފައިވާ ގޮތުގައި މި ފިޔަވަޅުތަކުން އެމެރިކާގެ މާލީ އިސްތިގްރާރަށާއި ހައިޓެކް އިންޑަސްޓްރީތަކަށް ބޮޑެތި އަސަރުތަކެއް ކުރާނެއެވެ.
އެމެރިކާގެ ގިނަ ދަރަނިތަކެއް އޮތް އަދި އެޑްވާންސްޑް ޓެކްނޮލޮޖީތަކަށް މުހިންމު މެޓީރިއަލްތައް ސަޕްލައިކުރާ ޗައިނާ އިން ވަނީ މިކަމުގައި ދެފަރާތަށް ވެސް ހުރި ރިސްކުތައް ފާހަގަކޮށްފައެވެ. ފައިސާގެ އަގު ދަށްކުރުމުން ޗައިނާގައި ހިންގާ އެމެރިކާގެ ކުންފުނިތަކަށް ގެއްލުންވާނެ އެވެ. އަދި ނާދިރު މައުދަނުތަކުގެ އެކްސްޕޯޓް މަދުކުރުމުން އެމެރިކާގެ ޓެކްނޮލޮޖީ މެނުފެކްޗަރިންގ އަށް ބޮޑެތި އަސަރުތަކެއް ކުރާނެއެވެ.
ޗައިނާ އިން ދަނީ ޑޮލަރަށް ބަރޯސާވެފައިވާ ވިޔަފާރިތަކަށް ބަދަލުތަކެއް ހޯދަމުންނެވެ.
ޗައިނާއިން މި އިންޒާރު ދިނީ، އެމެރިކާގެ ޑޮލަރުގެ ބޭނުންކުރުމުގެ ބަދަލުގައި ބްރިކްސްގެ ޤައުމުތަކުން އަމިއްލަ އެހެން ކަރަންސީއެއް ހަދައިފިނަމަ 100 ޕަސަންޓް ޓެރިފް ނަގާނެ ކަމަށް ބުނެ އެމެރިކާއިން އިންޒާރު ދިނުމާއި ގުޅިގެންނެވެ..









