ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް - ސީ ގައި ރޭ ކުޅުނު މެޗުގައި އައްޑޫ ސިޓީއިން 1-0 އިން ހުރާ ބަލިކޮށް. މުބާރާތުގެ ދެވަނަ ބުރުގެ ޖާގަ ޔަގީންކޮށްފިއެވެ.
އައްޑޫ ސިޓީގެ ފަރާތުން މެޗުގެ ހަމައެކަނި ލަނޑު ޖެހީ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. މެޗުގެ ފުރަތަމަ ހާފުގައި އައްޑޫގެ ހާޒިމް ފައުޒީ ހުރާގެ އޭރިއާ ތެރެއަށް ހުރަސްކޮށް ދިން ބޯޅައިން އިއްބެ ވަނީ ގޯލްގެ ތެރެއަށް ބޯޅަ ވައްދާލައިފައެވެ.
މި މޮޅުވުމާއެކު އައްޑޫ ސިޓީން ފަސް ޕޮއިންޓާއެކު ތާވަލުގެ އެއްވަނައަށް އެރީއެވެ. ނަމަވެސް މިއަދު ޅ. ކުރެންދޫ އާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ ކ. ގުރައިދޫ އަށް ގުރޫޕްގެ އެއްވަނަ ލިބޭނެއެވެ.
އައްޑޫ ސިޓީ ރޭ މޮޅުވުމުން، ގުރައިދޫ އަށް ވެސް ވަނީ ދެވަނަ ބުރުގެ ޖާގަ ކަށަވަރުވެފައެވެ. މިހާރު ގުރޫޕް ސީގެ ތިންވަނަ ޖާގައަށް ވާދަކުރަނީ ކ. ހުރާ އާއި ޅ. ކުރެންދޫ އެވެ. މިއަދުގެ މެޗުގެ ނަތީޖާއިން މި ދެ ޓީމުގެ ތެރެއިން ކޮން ޓީމެއްކަން ދެވަނަ ބުރަށް ދާނީ ކަނޑައެޅިގެންދާނެއެވެ.
ގުރޫޕް ބީގެ ފަހު މެޗުގައި ބ. ތުޅާދޫ 4-2 އިން ބަލިކޮށް، ގޯލްޑް ކަޕްގެ ދެވަނަ ބުރުން ތ. ތިމަރަފުށި ވެސް މާލެ އާއި އޭދަފުށްޓާއެކު ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ދެވަނަ ބުރު ކުރިއަށްދާނީ ގުރޫޕް ސްޓޭޖެއްގެ ސިފައިގައެވެ. ކޮންމެ ގުރޫޕަކުން ވެސް ގަދަ ތިން ޓީމު ދެވަނަ ބުރަށް ދަތުރު ކުރާނެއެވެ.









