ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޗީފް ބިޒްނަސް އޮފިސަރ (ސީބީއޯ) ގެ މަގާމަށް އެ ބޭންކުގައި 20 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ މޫސާ ނިމާލް އައްޔަން ކޮށްފިއެވެ.

ސައުތު އޮސްޓްރޭލިއާ ޔުނިވަރސިޓީން ބެޗެލަރ އޮފް ކޮމާސް އިން އެކައުންޓިންގ އެންޑް އެޕްލައިޑް ފައިނޭންސް ހާސިލު ކުރައްވައި، އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަޑް ބޭންކަރސްގެ އެފިލިއޭޓް މެމްބަރެއްގެ ގޮތުން ޕްރޮފެޝަނަލް ބޭންކަރ ކޮލިފިކޭޝަން ވެސް ހާސިލުކުރައްވާފައިވާ ނިމާލް ވަނީ ފާހަގަކޮށްލެވޭ ތަޖުރިބާ ތަކެއް ބީއެމްއެލްގައި ހޯއްދަވާފައެވެ. މީގެ ތެރޭގައި ބޭންކުގެ މުހިންމު ޑިޕާޓްތަކާއި ގޮފިތައް ހިންގެވުމާއި، ކަސްޓަމަރ ސަރވިސްއާއި، އިންޓަނޭޝަނަލް ބޭންކިންގއާއި، ރީޓެއިލް ބޭންކިންގ ފަދަ ދާއިރާތަކުން އޭނާ ވަނީ ތަޖުރިބާ ހޯއްދަވާފައެވެ. އަދި މީގެ އިތުރުން ބޭންކުގައި ހިންގާފައިވާ ގިނަ އިސްލާހީ މަސައްކަތްތަކުގައިވެސް އޭނާ ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ. ސީބީއޯގެ މަޤާމަށް ޢައްޔަންކުރުމުގެ ކުރިން، ނިމާލް ފުރުއްވަމުން ގެންދެވީ ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިންގގެ ޑިރެކްޓަރުގެ މަޤާމެވެ.

ނިމާލް ބީއެމްއެލްއާއި ގުޅުނީ 2003 ވަނަ އަހަރުގައެވެ.