ބޭރުފައިސާ މާރުކުރުމުގެ ލައިސަންސަށް އެދި 98 ފަރާތަކުން ހުށަހަޅައިފިއެވެ.
އެމްއެމްއޭ އިން މި ލައިސަންސަށް އެދި ހުށަހެޅުމަށް ހުޅުވާލީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުއެވެ. ހުށަހެޅުމުގެ ސުންގަޑިއަކީ ނޮވެމްބަރު 30 ވަނަ ދުވަސް ކަމުގައި ވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.
އެމްއެމްއޭ އިން ބުނި ގޮތުގައި ލައިސަންސަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން 79 ފަރާތަކުން ވަނީ ޓިއާ 1 ލައިސަންސަށް އެދި ހުށަހަޅާފައެވެ. މީގެ ތެރޭގައި 44 ފަރާތަކީ އަލަށް ހުށަހަޅާ ފަރާތްތަކެވެ. އަދި 35 ފަރާތަކީ ކުރިން ލައިސަންސް އޮތް ފަރާތްތަކެވެ. ޓިއާ 2 ލައިސަންސަށް އެދި ހުށަހަޅާފައިވަނީ 19 ފަރާތަކުންނެވެ. މީގެ ތެރެއިން 5 ފަރާތަކީ އަލަށް ހުށަހަޅާ ފަރާތްތަކެވެ. އަދި 14 ފަރާތަކީ ކުރިން ލައިސަންސް އޮތް ފަރާތްތަކެވެ.
އެމްއެމްއޭ އިން އިތުރަށް ހާމަކުރި ގޮތުގައި، މިހާރު މަނީ ޗޭންޖިންގ ލައިސަންސް އޮތް ފަރާތްތަކުގެ އަދަދަކީ 212 އެވެ. އަދި މުޅިން އަލަށް ލައިސަންސަށް އެދި ހުށަހަޅާފައިވަނީ 49 ފަރާތުންނެވެ.
ކުރިން ލައިސަންސް އޮތް ފަރާތްތަކަށް، އައު ގަވާއިދުގެ ދަށުން ލައިސަންސް ދިނުމާމެދު ވަކި ގޮތެއް ނިންމައި އަންގަންދެން، ކުރިން ދޫކޮށްފައިވާ ލައިސަންސްގެ ދަށުން ބޭރުފައިސާ ގަނެ ވިއްކުމުގެ ވިޔަފާރި ކުރިއަށް ގެންދެވޭނެ ކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ.









