އުރީދޫ މޯލްޑިވްސްއިން ބޭއްވި ޚާއްސަ ލަކީޑްރޯއަކުން، އެ ކުންފުނީގެ ދެ ކަސްޓަމަރަކަށް ގަތަރުގެ ވެރިރަށް ދޯހާގައި ބޭއްވޭ މެރަތަންގައި ބައިވެރިވުމުގެ ފުރުސަތު ލިބިއްޖެއެވެ.
އުރީދޫ މޯލްޑިވްސްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މުޙައްމަދު އަޙްޒާދު އަޙްމަދު އަދި ތޯރިގް މުޙައްމަދު އަކީ މި ފަހަރުގެ ދޯހާ މެރަތަންގައި ބައިވެރިވުމުގެ ފުރުސަތު ލިބުނު ދެ ދިވެހިންކަމަށެވެ. މި ދެމީހުން ހޮވާފައިވަނީ އޮކްޓޯބަރު 26 އިން ނޮވެމްބަރު 26 އަށް ކުރިއަށް ގެންދިޔަ ޚާއްސަ ލަކީޑްރޯއަކުންނެވެ.

އުރީދޫ މޯލްޑިވްސްއިން އިތުރަށް ހާމަކުރި ގޮތުގައި، މި ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވަނީ އުރީދޫގެ ކަސްޓަމަރެއްގެ ގޮތުގައި މަދުވެގެން އެއް އަހަރު ދުވަސްވެފައިވާ، އަދި ހާފް މެރަތަންއެއް ދުވެފައިވާ ނުވަތަ ހާފް މެރަތަންއެއް ދުވުމުގެ ސިއްޙީ ޤާބިލުކަން ހުރި ފަރާތްތަކަށެވެ.
އުރީދޫ ގްރޫޕުން ކޮންމެ އަހަރަކު ގަތަރުގައި ބާއްވާ މި މެރަތަން ދެން އޮންނާނީ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ. މި އިވެންޓުގައި 15،000 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވާނެކަމަށް ލަފާކޮށްފައިވެއެވެ.
އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު ޙަސަން އެމް. އަލް-ޙަމާދީ ވިދާޅުވީ، "އުރީދޫ ގްރޫޕުން ބާއްވާ މި ފަދަ ބޮޑު އިވެންޓެއްގައި ބައިވެރިވުމުގެ ފުރުސަތު އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ދެވުނުކަމީ އުފަލެކެވެ. މިއީ ކުޅިވަރާއި ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް ހިތްވަރުދިނުމުގެ ގޮތުން އަޅުގަނޑުމެން ކުރާ މަސައްކަތުގެ ބައެކެވެ."
ފާއިތުވި އަހަރުތަކުގައިވެސް އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް މި މެރަތަންގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވާކަން ފާހަގަކޮށްލެވެއެވެ.









