މިދިޔަ ހަފުތާގައި ރާއްޖެއަށް ކުރި ވިއްސާރައިގެ ސަބަބުން 1.1 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފިއެވެ.
އެންޑީއެމްއޭ އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ހުސްވި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 10 ރަށަކުން ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. މި 10 ރަށުން ޖުމްލަ 110 ގެއަކަށް އެކި މިންވަރުގެ ގެއްލުން ލިބިގެން އެހީއަށް އެދި ފޯމު ހުށަހަޅާފައިވާ ކަމަށްވެސް އެ އިދާރާއިން ފާހަގަކޮށްފައި ވެއެވެ.
ވިއްސާރައިގެ ސަބަބުން އެންމެ ބޮޑު ގެއްލުން ލިބިފައިވަނީ ޅ. ކުރެންދޫ އަށެވެ. އެ ރަށުން އެކަނި 97 ގެއަކަށް ގެއްލުން ލިބިގެން ރިޕޯޓުކޮށްފައިވާ ކަމަށް އެންޑީއެމްއޭ އިން ހާމަކޮށްފައި ވެއެވެ. މީގެ އިތުރުން، ހދ. ނެއްލައިދޫ، ނ. މާފަރު، ރ. ރަސްމާދޫ، ދ. ބަނޑިދޫ، ދ. ހުޅުދެލި، ގދ. މަޑަވެލި، ސ. ފޭދޫ، ސ. ހުޅުދޫ އަދި ސ. މަރަދޫފޭދޫ ހިމެނޭ ގޮތަށް އިތުރު 9 ރަށަކުން ވިއްސާރައިގެ ސަބަބުން ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓު ކޮށްފައި ވެއެވެ.
މި ހާދިސާތަކާއި ގުޅިގެން ގޭގޭގައި ހިފައިގެންގުޅޭ ތަކެއްޗަށާއި އިމާރާތްތަކަށް ލިބުނު ގެއްލުމުގެ ޖުމްލަ އަގު 1.1 މިލިއަން ރުފިޔާއަށް އަރާ ކަމަށް ވެސް އެންޑީއެމްއޭނއިން ބުނެއެވެ. އަދި މި ގެތަކަށް ލިބުނު ގެއްލުން ވަޒަންކޮށް، ކާރިޘާ ކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ކާރިޘާ ތަކުން ލިބޭ ގެއްލުންތަކަށް އެހީދިނުމާއި ބެހޭ ގަވާއިދުގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާރު ހުށަހަޅާފައިވާ ކަމަށްވެސް އެ އިދާރާއިން ހާމަކޮށްފައި ވެއެވެ.
މެޓުން ބުނި ގޮތުގައި މިދިޔަ ހަފުތާގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކުރީ މި ދުވަސްވަރު ރާއްޖެ ކައިރީގައި އުފެދިފައިވާ ދެ ކޮޅިގަނޑުގެ ސަބަބުންނެވެ. މި ކޮޅިގަނޑުތަކުގެ ތެރެއިން އެއް ކޮޅިގަނޑު ވަނީ ތޫފާނަކަށް ބަދަލުވެފައެވެ. ނަމަވެސް މި ތޫފާނުގެ އެންމެ ބޮޑު އަސަރު ކޮށްފައިވަނީ އިންޑިއާގެ ޓެމިލް ނާޑޫ ސަރަހައްދަށެވެ.









