އިންޑިއާގެ މަޝްހޫރު ތަރިއެއް ކަމަށްވާ ރީމް ޝެއިކް ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެއެވެ. 22 އަހަރުގެ މި ޒުވާން ބަތަލާ ޗުއްޓީ ހޭދަކުރަމުން އަންނަނީ އޯގާ އާޓް ރިސޯޓްގައެވެ.
ރީމް ޝެއިކް އަކީ މިހާތަނަށް ވަރަށް ގިނަ ޓީވީ ސިލްސިލާތަކުގެ އިތުރުން ވެބް ސީރީޒްތަކާއި ބައެއް ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައިވާ ތަރިއެކެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ ކަލާސް ޓީވީން މިދިޔަ އަހަރު ގެނެސްދިން ސުޕަނެޗްރަލް ސިލްސިލާ "ތެރެ އިޝްގްމޭ ގާޔަލް" އިންނެވެ. މީގެ އިތުރުން، "ފަނާ: އިޝްގް މޭ މަރުޖާވާ"، "ތުޖްސޭ ހޭ ރާބްތާ"، "ތޫ އާޝިގީ" އަދި "ދިޔާ އޯރް ބާތީ ހަމް" ފަދަ މަޝްހޫރު ސިލްސިލާތަކުގައި ވެސް އޭނާ ވަނީ މަސައްކަތްކޮށްފައެވެ.
ރީމްގެ ފިލްމީ ކެރިއަރުގައި ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ 2020 ވަނަ އަހަރު ގެނެސްދިން "ގުލް މަކާއީ" ނަމަކަށް ކިޔުނު ބައޮގްރަފިކަލް ޑްރާމާގައި ނޯބެލް އިނާމު ހާސިލުކޮށްފައިވާ ޕާކިސްތާނަށް ނިސްބަތްވާ އެކްޓިވިސްޓް މަލާލާ ޔޫސުފްގެ ރޯލު ކުޅުމެވެ. މީގެ އިތުރުން، 2021 ގެ "ޓިއުޒްޑޭސް އެންޑް ފްރައިޑޭސް" އަދި 2016 ގެ "ވަޒީރު" ފަދަ ފިލްމުތަކުގައި ވެސް އޭނާ ވަނީ މަސައްކަތްކޮށްފައެވެ.
ރީމް ޝެއިކް ރާއްޖެ އައިސްފައިވާއިރު، އިންޑިއާގެ ސެލެބްރިޓީން ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އަންނަ މިންވަރު އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. މިހާރު އިންޑިއާ އަކީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރެއިން ހަވަނަ ގައުމެވެ. މި އަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 110،000 އަށް ވުރެ ގިނައެވެ.









