ނެޝަނަލް ޑިޖިޓަލް އައިޑެންޓިޓީ، އީފާސް އިން އޮންލައިން ފޭސް ވެރިފިކޭޝަންގެ ޚިދުމަތް އަލުން ފަށައިފިއެވެ. މި ޚިދުމަތް ފޯރުކޮށްދޭ ފަރާތް ބަދަލުކުރުމަށްޓަކައި މިހާތަނަށް އޮންލައިން ފޭސް ވެރިފިކޭޝަން ޚިދުމަތް އޮތީ މެދުކަނޑާލާފައެވެ.
ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން މައުލޫމާތު ދިންގޮތުގައި، މި ޚިދުމަތް އަލުން ފަށާފައިވަނީ ލެޓްވިއާގައި ރަޖިސްޓަރީ ކޮށްފައިވާ ރެގިއުލާ ފޮރެންސިކްސް ކުންފުނީގެ އެޕްލިކޭޝަނެއް ބޭނުންކޮށްގެންނެވެ. ކުރިން މި ޚިދުމަތް ފޯރުކޮށްދެމުން އައީ "ސަމް އެންޑް ސަބްސްޓެންސް ޕްރައިވެޓް ލިމިޓެޑް" (ސަމްސަބް) ކުންފުނިންނެވެ.
އެންސީއައިޓީން އިތުރަށް ބުނީ، މިހާރު މި ޚިދުމަތް ލިބެން ހުންނާނީ އީފާސް ވެބްސައިޓް މެދުވެރިކޮށް ކަމަށާއި، އާންމުކޮށް ބޭނުންކުރާ ހުރިހާ ބްރައުޒަރތަކުން އީފާސްއަށް ލޮގިންކޮށް ޚިދުމަތް ލިބޭނެ ކަމަށެވެ. އަދި މި ޚިދުމަތް ދޭނީ ބޭރުގެ އެއްވެސް ފަރާތަކަށް ރައްޔިތުންގެ ފޮޓޯ ނުވަތަ އެހެން ޒާތީ މައުލޫމާތެއް ހިއްސާކުރުމަކާއި ނުލައި، އެންސީއައިޓީގެ އެތެރޭގައި ކަމަށްވެސް ބުންޏެވެ.
އެންސީއައިޓީއާއި ހަވާލުވެވަޑައިގެން ހުންނެވި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު، ޑރ. މުހައްމަދު ކިނާނަތު ވިދާޅުވީ އެ އިދާރާގެ އަމާޒަކީ އީފާސްގެ ނިޒާމް ދުވަހެއް ދުވަހަކަށް ހަރުދަނާކޮށް، އެ ނިޒާމަކީ ދިވެހިރާއްޖޭގެ ޑިޖިޓަލް ޚިދުމަތްތައް ފުޅާކުރުމުގައި އެންމެ އިސްދައުރެއް އަދާކުރާ އަދި ރައްޔިތުންނާއި މުއައްސަސާތަކުގެ އިތުބާރާއި ޔަޤީންކަން ލިބިފައިވާ ނިޒާމަކަށް ހެދުން ކަމަށެވެ.
އީފާސްގެ މުހިންމު އެއް ބޭނުމަކީ ދައުލަތުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެ ޚިދުމަތް ދެވެނީ ޚިދުމަތަށް އެދޭ އަސްލު ފަރާތަށްކަން ކަށަވަރުކުރުމެވެ. މިއީ އެހެން މީހުންގެ އައިޑެންޓިޓީ ވަގަށް ނަގައި އޮޅުވާލައިގެން މުއާމަލާތްތައް ހިންގުމުގެ ފުރުޞަތު ހަނިކުރުމުގެ މަގުޞަދުގައި ފެށި ޚިދުމަތެކެވެ.






