ރައްޔިތުންނަށް އީފާސްގެ ހިދުމަތްތަކާ ގުޅޭގޮތުން އެހީތެރިކަން ފޯރުކޮށްދީ، ގައުމީ ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓްފޯމް ބޭނުންކުރާނެގޮތުގެ ލަފަޔާއި އިރުޝާދު ދިނުމަށް މޯލްޑިވްސް ޑިޖިޓަލް ސަރވިސް (އެމްޑީއެސް) އިން މި ހަފުތާ ބަންދުގައި ހުޅުމާލޭގައި މޯބައިލް ހެލްޕްޑެސްކެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.
މި ހެލްޕްޑެސްކް ކުރިއަށްދާނީ ހުކުރު ދުވަހު ހިޔާ ޕާކް ސަރަހައްދުގައި އަދި ހޮނިހިރު ދުވަހު ސެންޓްރަލް ޕާކް، އުރީދޫ ބިލްޑިންގް ކުރިމަތީގައެވެ. މި ދެ ދުވަހުވެސް މި ހިދުމަތް ލިބެން ހުންނާނީ ހަވީރު 4:00 އިން ހަވީރު 6:00 އަށެވެ.
ރައްޔިތުންނަށް މި ހެލްޕްޑެސްކަށް ޒިޔާރަތްކޮށް އީފާސްއާ ގުޅޭ އެހީތެރިކަން ހޯދުމާއި، އެ ޕްލެޓްފޯމްގެ ހާއްސަ ފީޗާތަކާ ބެހޭ މައުލޫމާތު އޮޅުންފިލުވޭނެއެވެ.
އީފާސްއަކީ ރާއްޖޭގެ ގައުމީ ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓްފޯމް ކަމަށްވާއިރު، މިއީ ރައްޔިތުންނަށް ރައްކާތެރިކަމާއެކު އަމިއްލަ ހައިސިއްޔަތު ކަށަވަރުކޮށްދީ، ސަރުކާރާއި އާންމު ހިދުމަތްދޭ މުއައްސަސާތަކުގެ ޑިޖިޓަލް ހިދުމަތްތައް ފަސޭހައިން ލިބިގަތުމަށް މަގުފަހިކޮށްދޭ ނިޒާމެކެވެ. މީގެއިތުރުން، އީފާސް ވެރިފައިކުރުމާއި، އެކައުންޓަށް ވަނުމުގައި ދަތިތަކާ ކުރިމަތިވާ ފަރާތްތަކަށް އެމްޑީއެސްގެ 1551 ހެލްޕްޑެސްކު މެދުވެރިކޮށްވެސް އެހީތެރިކަން ފޯރުކޮށްދެމުންދާކަން ފާހަގަކުރެވެއެވެ.




