ޔުކްރެއިން އާއި ދެކޮޅަށް ރަޝިއާ ކުރަމުންދާ ހަނގުރާމައިގައި "ދެމެހެއްޓެނިވި އެހީތެރިކަން" ފޯރުކޮށްދޭނެކަމަށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވިދާޅުވެއްޖެއެވެ. މިކަން ހާމަކޮށްފައިވަނީ އުތުރު ކޮރެއާގެ ސަރުކާރުގެ ނޫސް އޭޖެންސީ ކޮރެއަން ސެންޓްރަލް ނިއުސް އޭޖެންސީ (ކޭސީއެންއޭ) އިންނެވެ.
ކިމް ޖޮންގް އުން މިފަދައިން ވިދާޅުވެފައިވަނީ ހުކުރު ދުވަހު ޕިޔޯންގްޔަންގްއަށް ޒިޔާރަތްކުރެއްވި ރަޝިއާގެ ދިފާޢީ ވަޒީރު އަންދްރޭ ބެލޯސޮވް އާއި ބައްދަލުކުރެއްވުމަށްފަހުގައެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި ދިފާޢީ ދާއިރާ ހިމެނޭ ގޮތަށް ހުރިހާ ދާއިރާއެއްގައި ގުޅުން ބަދަހި ކުރުމާއި ބެހޭގޮތުން މަޝްވަރާކުރެވުނެވެ.
ކިމް ވިދާޅުވި ގޮތުގައި ޔޫކްރެއިން އާއި ދެކޮޅަށް ރަޝިއާގެ ސަރުކާރާއި ސިފައިން މިހާރު ދެމުންދާ ރައްދު ހަމަލާއަކީ އެމެރިކާއާއި، ހުޅަނގުގެ ގައުމުތަކާއި، ޔޫކްރެއިނާ ކުރަމުންދާ ބޭކާރު އަސްކަރީ ހޭދަތަކަށް ރަނގަޅު ފިލާވަޅެއް ލިބިދޭނެ ހަމަލާތަކެކެވެ. އަދި ރަޝިއާގެ "ސިޔާދަތާއި ސަރަޙައްދީ ސަލާމަތް" ދިފާޢުކުރުމަށް އެ ޤައުމުން ގެންގުޅޭ ސިޔާސަތަށް އެމަނިކުފާނު ތާއީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
މި ބައްދަލުވުން ބޭއްވުނީ އުތުރު ކޮރެއާއިން ޔޫކްރެއިންއާއި ދެކޮޅަށް ރަޝިއާއަށް އެހީވުމަށް އެތައް ހާސް ސިފައިން ފޮނުވާފައިވާކަމަށް އެމެރިކާއިން ތުހުމަތުކުރަމުންދާ ދަނޑިވަޅެއްގައެވެ.
އުތުރު ކޮރެއާއާއި ރަޝިއާގެ ގުޅުން ވަނީ ފާއިތުވި އަހަރުތަކުގައި އިތުރަށް ބަދަހިވެފައެވެ. ޔޫކްރެއިން އާއި ދެކޮޅަށް ރަޝިއާ ފަށާފައިވާ ހަނގުރާމައާއި ގުޅިގެން މި ދެ ޤައުމުގެ ގުޅުން ވަނީ އިތުރަށް ވަރުގަދަވެފައެވެ. މިއީ އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމެކެވެ.









