ސަރުކާރުގެ ވަޒީފާތަކުގެ ތެރެއިން "ޑަބަލް ޕެންޝަން" ލިބޭ އިދާރާތަކުން އަލަށް ރިޓަޔަރވާ މުވައްޒަފުންނަށް ކޮންމެ މަހަކު ދެމުން އައި އެލަވަންސް ކަނޑާލަން ސަރުކާރުން ނިންމައިފިއެވެ. މި ނިންމުން ތަންފީޛުކުރަން ފަށާނީ އަންނަ ޖެނުއަރީ މަހުން ފެށިގެންނެވެ.
ފިނޭންސް މިނިސްޓްރީން ވަނީ މިދިޔަ ހަފުތާ ތެރޭގައި އެކަން ސަރުކާރުގެ އިދާރާތަކަށް ސިޓީއަކުން އަންގައިފައެވެ.
އެ ސިޓީގައި ވަނީ، އަންނަ ޖެނުއަރީން ފެށިގެން އަމަލުކުރަން ފަށާ އެ އުސޫލުގެ ދަށުން، ރިޓަޔާ ކުރާ މީހުންނަށް ކޮންމެ މަހަކު ލިބޭ އެލަވަންސް ދެން ނުލިބޭނެ ކަމަށެވެ. ނަމަވެސް ރިޓަޔާ ކުރާ މުވައްޒަފުންނަށް ގަނޑުކޮށް ދޭ ފައިސާ ދެމުންދާނެ ކަމަށް އެ ސިޓީގައިވެއެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ފިޔަވަޅު އަޅަނީ ސަރުކާރުން ޚަރަދު ކުޑަކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިންނެވެ. ނަމަވެސް ރިޓަޔަރ ކުރާ މުވައްޒަފުންނަށް ގަނޑުކޮށް ދޭ ފައިސާ ދިނުން ކުރިއަށް ގެންދާނެއެވެ.
ޑަބަލް ޕެންޝަނަށް އެންމެ ގިނައިން ޚަރަދުކުރަން ޖެހޭ މުއައްސަސާތަކުގެ ތެރޭގައި ފުލުހުންނާއި އެމްއެންޑީއެފް ހިމެނެއެވެ. މި މުއައްސަސާތަކުގެ މުވައްޒަފުން ރިޓަޔަރވާ އުމުރު އެހެން އިދާރާތަކަށް ވުރެ ހަގުވުމަކީ މިކަމުގެ އެއް ސަބަބެވެ.
ބައިނަލްއަގުވާމީ އިދާރާތަކުން ވަނީ ޑަބަލް ޕެންޝަން އުވާލުމަށް ތަކުރާރުކޮށް ގޮވާލާފައެވެ. ވޯލްޑް ބޭންކުން ބުނެފައިވަނީ ރާއްޖޭގެ ޕެންޝަން ނިޒާމު ހިންގަނީ ދެމެހެއްޓެނިވި ގޮތެއްގައި ނޫން ކަމަށާއި، ޑަބަލް ޕެންޝަން އުވާލުމަކީ އިޤްތިޞާދީ ގޮތުން މުހިންމު ކަމެއް ކަމަށެވެ.
ސަރުކާރުން ޚަރަދު ކުޑަކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައިވެއެވެ. މީގެ ތެރޭގައި 65 އަހަރުވުމުން ދޭ އިނާޔަތް މަދުން އާމްދަނީ ލިބޭ މީހުންނަށް އެކަނި ދިނުމާއި، ސިފައިންނާއި ފުލުހުންގެ މެޑިކަލް ވެލްފެއަރ ސްކީމު އިޞްލާޙުކުރުން ހިމެނެއެވެ.









