ޔުކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ރަޝިއާއަށް ދޫތަކެއް ދިނުމާމެދު ވިސްނަމުންދާ ކަމަށް ޔުކްރެއިންގެ ރައީސް ވްލަދިމިޔަރު ޒެލެންސްކީ ވިދާޅުވެއްޖެއެވެ.
ސްކައި ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ޒެލެންސްކީ ވިދާޅުވީ ރަޝިއާގެ އަތްދަށުގައިވާ ބިންތައް ފިޔަވައި ޔުކްރެއިން ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައިވާ ބިންތަކަށް ނޭޓޯގެ ހިމާޔަތް ދޭގޮތަށް މައްސަލަ ހައްލުކުރަން ޔުކްރެއިން ގަބޫލުވެދާނެ ކަމުގައެވެ.
މުރާސިލުން ބުނާގޮތުގައި މިއީ ރަޝިއާ ހިފާފައިވާ ޔުކްރެއިންގެ ބިންތައް ޒެލެންސްކީގެ ސަރުކާރުން ދޫކޮށްލުމުގެ ނުސީދާ އިޝާރާތެކެވެ. އަދި ޒެލެންސްކީގެ ވާހަކަފުޅުތަކުން ދޭހަވަނީ ޔުކްރެއިން ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައިވާ ބިންތަކަށް ނޭޓޯއިން ހިމާޔަތް ދޭނަމަ، ނޭޓޯގެ މެންބަރަކަށް ވުމަށް ޔުކްރެއިން އެދޭ އެދުން ސުލްހައަށްޓަކައި ދޫކޮށްލަފާނެ ކަމުގައެވެ.
މުހައްލިލުންގެ ނަޒަރުގައި، ރަޝިއާ ޔުކްރެއިންއާއި ދެކޮޅަށް ހާސިލްކުރަން ބޭނުންވި މައިގަނޑު މަގްސަދުތައް މިހާރު ވަނީ ހާސިލްކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ރަޝިއާ ދަރިކޮޅުގެ މީހުން ދިރިއުޅޭ ސަރަހައްދުތައް ހިފުމާއި، ކްރައިމިޔާ ސަރަހައްދު ރަޝިއާގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމެވެ.
ރަޝިއާގެ ހަމަލާތަކުން ޔުކްރެއިންގެ އަސްކަރީ އިންފްރާސްޓްރަކްޗަރ ބޮޑުތަނުން ހަލާކުވެފައިވާތީ، ކުރިއަށް އޮތް އަހަރުތަކުގައި ނޭޓޯގެ މެންބަރަކަށް ވުމަށް ބޭނުންވާ ސްޓޭންޑަޑްތައް ހާސިލްކުރުމަކީ ޔުކްރެއިންއަށް ދަތި ކަމަކަށް ވެފައިވާކަމަށް ތަޖުރިބާކާރުން ދެކެއެވެ. މިހާލަތުގައި، ޔުކްރެއިން ހަނގުރާމަ މިހާރު ވަނީ އޭގެ ފަހު މަރުހަލާގައި ކަމަށް ގިނަ ފަރާތްތަކުން ގަބޫލުކުރެއެވެ.









