ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ހޯރަފުށީ ދާއިރާގެ ނައިބު ރައީސް ޙުސައިން ޝާފިއު، ސޯޝަލްމީޑިއާގައި މީހަކަށް އިންޒާރު ދިނުމުގެ ގޮތުން ކުރި ޕޯސްޓަކާއި ގުޅިގެން ފުލުހުންގެ އިދާރާއަށް އޭނާ ހާޒިރުވުމަށް އަންގައިފިއެވެ. މި މައްސަލައިގައި ޝާފިއު ފުލުހަށް ހާޟިރުވާން އަންގާފައިވަނީ މާދަމާ މެންދުރުފަހު 1:30 އަށެވެ.
ފުލުހުން މި މައްސަލަ ބަލަން ފަށާފައިވަނީ ޝާފިއު ކުރި ޕޯސްޓުގައި ހިމެނޭ "މަށަށް ކަލޭ މަގެއްމަތިން ނުފެއްނާތި!" މި ޖުމްލައިން، ވަކި ފަރާތަކަށް ބިރުދެއްކުމާއި އިންޒާރު ދިނުމުގެ މާނަ ދޭހަވާކަމަށް ބެލެވޭތީއެވެ. މި މައްސަލައާއި ގުޅޭގޮތުން ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެފައިވަނީ، އެ ޕޯސްޓުގައިވާ ޖުމްލައިން ވަކި މީހަކަށް ޖިސްމާނީ ގެއްލުމެއް ދީފާނެކަމުގެ މާނަ ދޭހަވާތީ، އެކަން ސާފުކުރުމަކީ ކަމާބެހޭ އިދާރާތަކުން ކުރަންޖެހޭ ކަމެކެވެ.
ވަޒީރު އިހްސާން އިތުރަށް ވިދާޅުވީ، މިފަދަ ކަންކަމަކީ ސިޔާސީ ކުޅިވަރަކަށް ހަދައިގެން ނުވާނެ ކަމެއް ކަމަށާއި، ސަރުކާރުން ހުރިހާ ރައްޔިތުންގެ ހަށިގަނޑާއި ފުރާނަ ރައްކާތެރިކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ. އަދި ޤާނޫނާއި ޤަވާޢިދުގެ ތެރެއިން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ފުޅާ ދާއިރާއެއްގައި ލިބިދެވޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ޝާފިޢުއަށް ޕޮލިހަށް ހާޟިރުވުމުގެ ޗިޓު ފޮނުވުމުން އޭނާ ހިންގި ޢަމަލަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ވެސް ވަނީ ހިއްވަރު ދެއްވާފައެވެ.

އިހްސާން ވަނީ މާދަމާ މީހަކު ޝާފިއު އަށް ނިސްބަތްކޮށް އެފަދަ ބަހެއް ބުނެފިނަމަ ޚިޔާލު ފާޅުކުރީކަމަށް ބަލައި، އަޅައިނުލައި ތިބެންވީތޯ ސުވާލު ކުރައްވާފައެވެ.
''މާދަމާ މީހަކު މިފަދަ އިބާރާތެއް މަނިކުފާނަށް ނިސްބަތްކޮށް ނުވަތަ ދޭހަވާގޮތަށް ބުނެފިނަމަ އެއީ ޚިޔާލު ފާޅުކުރީ ކަމަށް ބަލައި އަޅާނުލާ ތިބެންވީތޯ؟ އަދި އެހެން ތިއްބާ މަނިކުފާނު މަގެއްމަތިން ފެނި ޖިސްމާނީ އަނިޔާއެއް ދީފިނަމަ އެއީ ފާޅުކުރި ހިޔާލު އިތުރަށް ސާފުކޮށްދިނީކަމަށް ބަލާ އަޅާނުލާ ތިބެންވީތޯ؟ މިއީތޯ މަނިކުފާނުގެ ޒަޢާމަތެއްގައި މިޤައުމުގައި ކަންކަން އޮންނާނެގޮތަކީ؟'' ވަޒީރު ސުވާލުކުރެއްވިއެވެ.









