ޤާނޫނުއަސާސީގެ ނަމުގައި ކުރެވޭ ބައެއް ޢަމަލުތަކާއިމެދު މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. މިއަދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ނަރީޝް ވިދާޅުވެފައިވަނީ، ޤާނޫނުއަސާސީގެ މައްޗަށް ފައިންއަރާ ފަރާތްތަކަށް ހިމާޔަތް ލިބޭނެ ޤާނޫނުއަސާސީއެއް ނޯންނާނެ ކަމަށެވެ.
ނަރީޝް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކުރީގެ ސަރުކާރުން ވަނީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދިވެހިންގެ މިނިވަންކަމާއި،ސިޔާދަތާއި، އިސްލާމްދީނުގެ ހުރުމަތް ކެނޑުމަށް މަސައްކަތްކޮށްފައެވެ. އަދި ދިވެހިރާއްޖޭގެ ސަރަހައްދުން ބައެއް ބޭރުގެ ފަރާތްތަކަށް ވިއްކާލަން މަސައްކަތްކުރި ކަމަށާއި، ދިވެހިންގެ އަމިއްލަވަންތަކަން ނައްތާލުމަށް މަސައްކަތްކުރި ކަމަށްވެސް ވިދާޅުވިއެވެ.
"ޤާނޫނުއަސާސީ ދިފާއުކުރުމުގެ ނަމުގައި ދިވެހިންގެ ވެރިކަން ވައްޓާލައި، ޤައުމު ހަލަބޮލިކުރަން ކުރާ މަސައްކަތްތައް މިހާރު ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގިއްޖެ،" ނަރީޝް ވިދާޅުވިއެވެ.
ނަރީޝް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދިވެހިންނަކީ ސުލްހަވެރިކަމާއި އަމާންކަމަށް ލޯބިކުރާ ބައެކެވެ.









