ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 65 އައު އޭޓީއެމް ހޯދުމަށް އިޢުލާންކޮށްފިއެވެ. ބޭންކުން ކުރި އިޢުލާނުގައި ބުނެފައިވަނީ ބޭންކަށް އޭޓީއެމް ވިއްކަން ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ދޭ ކަމަށެވެ.
މި އިޢުލާނާއި ގުޅިގެން، އޭޓީއެމް ވިއްކަން ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުމުގެ ފުރުޞަތު ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވެއެވެ. މަޢުލޫމާތު ސާފުކުރުމަށް openbidding@bml.com.mv އަށް އީމެއިލް ކުރެއްވުމަށް ބޭންކުގެ އިޢުލާނުގައި ވެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅަންޖެހޭނީ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގެ 14:00 ގައި ބޭންކުގެ ހެޑް އޮފީހަށް ކަމަށް ވެސް ޤައުމީ ބޭންކުން ބުނެއެވެ.
- މި އިޢުލާނަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބީއެމްއެލް އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫޢުގެ ބައެކެވެ. މި މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހު އިފްތިތާޙު ކޮށްދެއްވާފައެވެ.
ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެފައިވަނީ އަންނަ އަހަރުގެ ނިޔަލަށް މުޅި ރާއްޖޭގައި 250 އަށް ވުރެ ގިނަ އޭޓީއެމް ބެހެއްޓުމަށް ރޭވިފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި 17 ރަށުގައި އޭޓީއެމް ބަހައްޓާނެ ކަމަށާއި، މި މަސައްކަތް އަންނަ އަހަރުގެ މާރިޗު 25 ވަނަ ދުވަހު ނިންމާލެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިހާރު ރާއްޖޭގެ 90 ރަށުގައި ބީއެމްއެލްގެ 150 އޭޓީއެމްގެ ޚިދުމަތް ފަށާފައިވާއިރު، އަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ބީއެމްއެލްއިން ވަނީ ނިންމާފައެވެ.









