މާލޭގެ ގެއަކުން އަގު ބޮޑު ފޯނުތަކެއް ވަގަށް ނަގައިގެން ފުލުހުންނަށް ފިލަން ގޭގެ އަލަމާރި ތެރެއަށް ވަދެ އޮތް މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރީ ހދ. ކުޅުދުއްފުށީ، ސީސަންވިލާ، އާދަމް މުހައްމަދު، 33 އެވެ.
އޭނާގެ ބަންދުގެ އަމުރުގައި ބުނެފައިވާ ގޮތުގައި، އޭނާ އޮތީ ފުލުހުންނަށް ފިލަން އަލަމާރި ތެރެއަށް ވަދެ، ބޮލުގައި ކޮތަޅެއް އަޅައިގެންނެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ އިއްޔެ 15 ދުވަސް ދީފަ އެވެ.
ކޯޓު އަމުރުގައި ބުނީ އޭނާ ގެއަކަށް ވަދެ ވައްކަން ކުރީ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.
އޭނާ އެ ގެއަށް ވައްކަން ކުރަން ވަންނަ މަންޒަރާއި ގޭތެރޭގައި ހަރަކާތްތެރިވާ މަންޒަރު ސީސީޓީވީ ސްނެޕްޝޮޓްތަކުން ފެންނަ ކަމަށާއި އަގުބޮޑު ދެ ފޯނު އޭނާ ވަގަށް ނެގި ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ.
އޭނާގެ ބަންދަށް މުއްދަތު ޖަހަން ކޯޓަށް ގެންގޮސް ވާހަކަދައްކަން ފުރުޞަތު ދިނުމުން "އަވަސް ކޮށްލަދޭށޭ... ހަނު ބަޔާނެއް ދޭށޭ..." ބުނެ، ދިފާއުގައި އެއްވެސް ވާހަކައެއް ނުދައްކާ ކަމަށް ވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ.









