މަންމައަށް އަނިޔާކޮށް ގަދަކަމުން ފައިސާ ހޯދަން އުޅުނު އޭނާގެ ދަރިއަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ މ. ހުވަދުގަދަކޯޅިގެ، އިބްރާހިމް ނިޒާމް، 40 އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އޭނާގެ ބަންދަށް ހަތް ދުވަސް ދީފަ އެވެ.
އޭނާގެ ބަންދު އަމުރުގައި ބުނެފައިވާ ގޮތުގައި، ގެވެށި އަނިޔާއިން ރައްކާތެރި ކުރުމުގެ އަމުރަކާއި ހިލާފަށް، އޭނާގެ މަންމަގެ އަތުން ގަދަކަމުން ފައިސާ ހޯދަން އުޅެ، ބިރު ދައްކައި އަދި ގައިގައި ޖަހައި މާރާމާރީ ހިންގާފައިވާ ކަމަށް އޭނާގެ މައްޗަށް ތުހުމަތު ކުރެވެ އެވެ.
އެ މީހާއަކީ މަންމައަށް އަނިޔާކޮށް، މާރާމާރީ ހިންގުމުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެސް ކޯޓު އަމުރުގައިވެ އެވެ.
އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ ކަމަށް ކޯޓު އަމުރުގައި ބުންޏެވެ.









