ޑޮލަރުގެ ކަޅު ބާޒާރު ނައްތައިލެވޭނީ ބޭންކަށް ޑޮލަރު ވަދެގެން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގަވަރުނަރު ވިދާޅުވީ މިހާރަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކުރިއަށް އޮތް 2 އަަހަރު ދުވަހުގެ ތެރޭގައި އަދާކުރަން ޖެހިފައިވާ ދަރަނިތައް ކަމަށެވެ. އެކަން ކުރަން ބަލާއިރު ރިޒާވްގައި ފައިސާ ނެތިއްޖެ ނަމަ އެކަމުގެ ސަބަބުން ގައުމު ޑިފޯލްޓްވާ ހާލަތަކަށް ވެސް ގޮސްދާނެ ކަމަށެވެ.
އެހެންކަމުން، ދަރަނިތައް އިތުރުވަމުންދާއިރު އިގްތިސާދީ ގޮތުން ޑިފޯލްޓް ވެދާނެ ކަމެއް ހުއްޓުވުމަށް ޑޮލަރުގެ ރިޒާވް އިތުރުކުރުމުގެ މުހިންމުކަން މުނައްވަރު ފާހަގަކުރެއްވިއެވެ.
"ނުރަސްމީ މާކެޓް ކުރިއަރާ، ރަސްމީ އިގްތިސާދަށް ގޮންޖެހުންތަކެއް އުފެދިއްޖެ. އަޅުގަނޑުމެންގެ ފޯކަސް އަކީ ނުރަސްމީ މާކެޓުން ރަސްމީ މާކެޓަށް ބަދަލުވުން،" ރިޒާވް ބޮޑުކުރުމަކީ އެމްއެމްއޭގެ ގާނޫނީ ޒިންމާއެއް ކަމަށް ފާހަގަކުރައްވައި މުނައްވަރު ވިދާޅުވި އެވެ.
ގަވަރުނަރު ވިދާޅުވީ މިހާރު ފައިސާ އެއް ބޭންކެއްގައި މަރުކަޒީކޮށްފައިވާއިރު، އެމްއެމްއޭ ބޯޑާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ އިރުޝާދުގެ ދަށުން އާ އޯޕަން މާކެޓް އޮޕަރޭޝަންތައް ތަރައްގީ ކުރަމުން އަންނަ ކަމަށެވެ. އެ ސްޓްރެޓެޖީގައި ހިމެނެނީ އާ ރެގިއުލޭޓަރީ ކެޓަގަރީއެއް ތައާރަފްކޮށް، ފަތުރުވެރިކަމުގެ ސިނާއަތުގެ ބޭފުޅުންނާއި މަޝްވަރާކޮށްގެން ލުއިތައް ދިނުމެވެ.
މުނައްވަރު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި ހިންގާ 170 ރިސޯޓެއްގެ އާމްދަނީ ބޭންކް ޑިޕޮސިޓްތަކުން ފެންނަން ނެތް ކަމަށެވެ.
މި އާމްދަނީ ބޭންކިން ނިޒާމަށް އަމާޒުކޮށްގެން އެމްއެމްއޭގެ އަމާޒަކީ ރަސްމީ އިގްތިސާދު ހަރުދަނާކޮށް، ކަޅު ބާޒާރަށް ބަރޯސާވުން މަދުކޮށް، ވިޔަފާރިތަކަށާއި އާންމުންނަށް ޑޮލަރު ރަނގަޅަށް ލިބޭނެ ގޮތް ހެދުމެވެ.









