އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން ބުނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ދެ މަޤާމު ހުސްވެފައިވާތީ، އެ ކޮމިޝަނަށް ދެ މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އެ އޮފީހުން މިއަދު ހުޅުވާލާފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން 5 ޑިސެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި މަޤާމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސް އޮފީހުން ކަމަށް އެ އޮފީހުން ބުންޏެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުން އަދި އެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.









