މިދިޔަ ޖުލައި މަހު ހުޅުމާލޭގައި ހިނގި ބާރު ސްޕީޑްގައި ދުއްވި ސްޕޯޓްސް ކާރު އެކްސިޑެންޓާއި ގުޅިގެން މައްސަލައެއްގައި ދަޢުވާކުރާ އިބްރާހިމް އިކްރާމް އޭނާގެ މައްޗަށް އުފުލާފައިވާ ހަ ދައުވާއަށް ވެސް އިއުތިރާފު ވެއްޖެއެވެ. ބާރު ސްޕީޑުގައި ދުއްވި އެ ކާރު ގޮސް މަގުގެ އެފަރާތުގައި މަޑުކޮށްލައިގެމް ހުރި މީހެއްގެ ގައިގައި ޖެހި ހިނގި އެ ހާދިސާގައި ތިން މީހެއްގެ މައްޗަށް ދައުވާ އުފުލާފައި ވެއެވެ. އެއި މ. ލޭންޑް އޮފް ގާޑެން އިބްރާހިމް އިކްރާމާއި ކާރުގައި އެވަގުތު ތިބި ހ. ނޫރަންމާގެއާގޭ އިކްރާމުއްރަހްމާނާއި ގއ. ކަނޑުހުޅުދޫ އާޒާދުގޭ ޖިނާހު އިސްމާއިލްގެ މައްޗަށެވެ.
މިއަދުގެ ކްރިމިނަލް ކޯޓުގެ އަޑުއެހުމުގައި އިކްރާމްގެ ވަކީލު ވަނީ އޭނާގެ ކްލައިންޓުން ދައުލަތާ އެކު ޕްލީ އެގްރީމަންޓެއް ހަދަން ބޭނުންވާކަން ހާމަކޮށްފަ އެވެ. އެ ހުށަހެޅުން ލިބުނު ކަމަށް ދައުލަތުން އިއުތިރާފުވި ނަމަވެސް، އިކްރާމް ދައުވާއަށް ޖަވާބުދާރީވާން ގާޒީ އަލީ ނަދީމް ލާޒިމު ކުރުމުން، ހުރިހާ ދައުވާއަކަށް ވެސް ކުށަށް އިއުތިރާފުވި އެވެ.
އިކްރާމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި އަނިޔާ ދިނުމާއި، ފަރުވާކުޑަކޮށް ނުރައްކާތެރި ކުރުމާއި، މުދަލަށް ގެއްލުން ދިނުމާއި، އެކްސިޑެންޓް ރިޕޯޓް ނުކުރުމާއި، އެހީ ނުދިނުން ހިމެނެއެވެ. މީގެ އިތުރުން ކޯ ޑިފެންޑެންޓް އިކްރާމް އަބްދުއްރަހުމާނާއި ޖިނާހު އިސްމާއީލް ވަނީ އެމީހުންގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އިންކާރުކޮށް ކުށެއް ނެތް ކަމަށް ބުނެ ދިފާއުގައި ހުށަހަޅާފައެވެ. ކާރަކީ ޖިނާޙުގެ ބެލުމުގެ ދަށުގައި އޮތް ކާރެކެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ޖިނާޙު އަކީ ޑުރަގު މައްސަލައެއްގައި ޖަލު ޙުކުމް ތަންފީޛު ކޮށްފައިވާ ފަރާތެކެވެ.
ދައުލަތުން ވަނީ އަނިޔާ ލިބުނު މީހާގެ ބޭސްފަރުވާއާއި ދަތުރުފަތުރުގެ ހަރަދަށް ޖުމްލަ 8،000 ރުފިޔާ ބަދަލު ދިނުމަށް އެދިފައެވެ. އިކްރާމް އަބްދުއްރަހްމާން ބަންދުގައި ބަހައްޓަން އެކަށީގެންވާ ސަބަބެއް ނެތުމުން އޭނާ ދޫކޮށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.









