މާލޭ ސިޓީ ކައުންސިލުން ބުޅާ ފެސިލިޓީއަށް ބޭނުންވާ ސާމާނާއި މެޓީރިއަލްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ. މި އިއުލާނާ ގުޅިގެން، ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ 10:00އަށް މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ އެޑްމިން ސެކްޝަން، މީޓިން ރޫމަށް އަންދާސީ ހިސާބު ހުށަހެޅުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.
އެގޮތުން، އަންދާސީ ހިސާބު ހުށަހަޅަންވާނީ ކޮންމެ ލިސްޓަކަށް ވަކިން ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި، ހުށަހަޅާ ފަރާތުގެ ނަމާއި އިއުލާން ނަންބަރު އެނގޭނެހެންނެވެ. މި މަސައްކަތާ ގުޅޭ އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ ދެ ވަނަ ދުވަހުގެ 12:00 ގެ ކުރިން bids@malecity.gov.mv އަށް މެއިލް ކުރުމަށް ކައުންސިލުން އަންގާފައިވެއެވެ.
ވަގުތީ ބުޅާ ފެސިލިޓީ ގާއިމްކޮށްފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިކަމަށް ޚާއްސަކޮށްފައިވާ 5000 އަކަފޫޓުގެ ބިމެއްގައެވެ. މި މަސައްކަތް މާލެ ސިޓީ ކައުންސިލާ ހަވާލުކުރެވުނީ މި އަހަރުގެ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހުއެވެ.
އެގްރިކަލްޗަރ މިނިސްޓްރީން މީގެ ކުރިން މައުލޫމާތު ދިންގޮތުގައި، މި ފެސިލިޓީ ހުޅުވުމުގެ މައިގަނޑު މަޤުޞަދަކީ މާލޭގެ މަގުތަކުގައި އުޅޭ ބުޅަލުގެ އާބާދީ ކޮންޓްރޯލްކުރުމާއި، ޖަނަވާރުތަކުގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ކަށަވަރުކުރުމާއި، ޖަނަވާރުގެ ޒަރީޢާއިން ފެތުރިދާނެ ބަލިތަކުގެ ހިރާސް ކުޑަކުރުންކަމަށެވެ.
މާލޭގެ މަގުމަތީގައި ބުޅާ ނަޖިސް އާންމުވުމުގެ ސަބަބުން އުފެދޭ މައްސަލަތަކަށް ހައްލު ހޯދުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ ސިޓީ ކައުންސިލުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މޭޔަރުކަމުގައެވެ. ނަމަވެސް، އޭރުގެ ސަރުކާރުން ބޭނުންވާ އެހީތެރިކަން ނުލިބުމުގެ ސަބަބުން އެ މަސައްކަތް ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ. ނަމަވެސް އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު މިވަނީ މި ފެސިލިޓީ ޤާއިމްކޮށްދެއްވާފައެވެ.









