ސޮނީ ޓީވީގެ މަޝްހޫރު ޝޯ "ސީއައިޑީ" ހަ އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން އެނބުރި އަންނަން ތައްޔާރުވަމުންދާ ކަމަށް އެ ޗެނަލުން ހާމަކޮށްފިއެވެ. މި ޝޯގެ އާ ސީޒަން ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހު ޕްރިމިއާ ކުރުމަށް ވަނީ ނިންމާފައެވެ.
ސީއައިޑީގެ އާ ސީޒަނެއް އަންނަކަން އިއުލާންކުރުމާއެކު، މި ޝޯގެ ގިނަ ސަޕޯޓަރުންނަށް ވަނީ ވަރަށް ބޮޑު އުފަލެއް ލިބިފައެވެ. ޝޯގެ ޕްރޮމޯގައި ދައްކާލާފައިވާ ތަފާތު މަންޒަރުތަކުން ވެސް ބެލުންތެރިންގެ ޝައުގުވެރިކަން އިތުރުވެގެން ގޮސްފައިވާކަން ފާހަގަކުރެވެއެވެ.
ސޮނީ ޓީވީން ބުނާ ގޮތުގައި މި ޝޯ ގެނެސްދޭނީ ކޮންމެ ހޮނިހިރު އަދި އާދިއްތަ ދުވަހުގެ ރޭގަނޑު ރާއްޖެ ގަޑިން 9:30 ގައެވެ. އަދި މި ސީޒަނުގައި ވެސް ކުރީގެ ސީޒަން ފަދައިން ފެނިގެންދާނީ ޝިވާޖީ ސަތަމް، ދަޔަނަންދު ޝެޓީ އަދި އަދިތިޔާ ސްރިވަސްތާވް ފަދަ މަޝްހޫރު ތަރިންނެވެ.
ސީއައިޑީ އަކީ 1998 ވަނަ އަހަރުގެ ޖެނުއަރީ 21 ވަނަ ދުވަހު ފެށިގެން 2018 ވަނަ އަހަރުގެ އޮކްޓޯބަރު 27 ވަނަ ދުވަހާއި ހަމައަށް ދެއްކި ޝޯއެކެވެ. މި މުއްދަތުގެ ތެރޭގައި ޖުމްލަ 1،547 އެޕިސޯޑް ވަނީ ގެނެސްދީފައެވެ. މި ޝޯގައި މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ މަރުތަކުގެ ހަގީގަތް ހޯދުމަށް ސީއައިޑީގެ އޮފިސަރުން ކުރާ މަސައްކަތްތަކުގެ މައްޗަށެވެ.









