ހުޅުމާލޭގެ ލޭންޑްސްކޭޕަށް ގެންނަން ނިންމާފައިވާ ބަދަލުތަކުގެ ތެރެއިން، މަގުތަކުގައި ބަހައްޓާ މޮނިއުމެންޓްތަކުގެ ޑިޒައިންތައް ނިމި، އާންމުކޮށްފައިވާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހާމަކޮށްފިއެވެ.
އެޗްޑީސީން ބުނީ، މި މޮނިއުމެންޓްތައް ޑިޒައިން ކުރުމަށް ބޭއްވި މުބާރާތުގައި އެންމެ ރީތި ޑިޒައިންތަކެއް ހުށަހަޅައިގެން އެއްވަނަ ހޯދާފައިވަނީ ޓީމް "އާކޯސް" އެވެ. މި ޓީމުގައި ހިމެނެނީ އަބްދުﷲ ޝައިމާން ވަހީދާއި އިބްރާހިމް އިފާޒެވެ.
މި މުބާރާތް އެޗްޑީސީން ބާއްވާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގައެވެ. މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ދީފައިވަނީ ޕްރޮފެޝަނަލް އާޓިސްޓުންނާއި، ޑިޒައިނަރުންނާއި، އާކިޓެކްޓުންގެ އިތުރުން ގުޅުންހުރި ދާއިރާތަކުގެ 18 އަހަރުން މަތީ ދަރިވަރުންނަށެވެ. މުބާރާތުގެ އެއްވަނައަށް ދިޔަ ޑިޒައިނަކަށް އިނާމެއްގެ ގޮތުގައި 100،000 (އެއް ލައްކަ) ރުފިޔާ ދިނުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ.
އެޗްޑީސީން ހާމަކުރި ގޮތުގައި ހުޅުމާލޭގައި ޖުމްލަ 17 މޮނިއުމަންޓް ބެހެއްޓުމަށް ވަނީ ނިންމާފައެވެ. މި މޮނިއުމަންޓްތައް ބަހައްޓާނީ ހުޅުމާލޭ ފޭސް އެކަކާއި ދޭއްގައެވެ.
މި މަޝްރޫޢުގެ މަޤްޞަދަކީ ހުޅުމާލޭގެ މަގުތަކުގެ މަންޒަރު އިތުރަށް ޒީނަތްތެރިކޮށް، ރައްޔިތުންނަށް އުފާވެރި މާޙައުލެއް ޤާއިމްކުރުމެވެ. އަދި މި މޮނިއުމެންޓްތަކުން ދިވެހި ޘަޤާފަތާއި ތާރީޚު ދައްކުވައިދިނުމަށް ވެސް އެޗްޑީސީން ވަނީ އަމާޒު ހިފާފައެވެ.
މި މަޝްރޫޢު ކުރިއަށްދާ ގޮތާއި މޮނިއުމެންޓްތައް ބެހެއްޓުމުގެ މަސައްކަތް ފެށޭނެ ތާރީޚެއް އެޗްޑީސީން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މި މަޝްރޫޢުއަކީ ހުޅުމާލޭގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން މުހިންމު މަޝްރޫޢުއެއްކަމަށް އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ.









