ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ކަށަވަރުކުރުމަށް ޚާއްސަ މަސައްކަތު ބައްދަލުވުމެއް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބާއްވައިފިއެވެ.
މި މަސައްކަތު ބައްދަލުވުމަކީ އެ ވުޒާރާއާއި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އަދި ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ މަސައްކަތު ބައްދަލުވުމެއް ކަމަށް ވުޒާރާއިން ބުންޏެވެ.
ވުޒާރާއިން ބުނީ މި މަސައްކަތު ބައްދަލުވުމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ކަށަވަރުކުރުމުގައި ޤައުމުގެ ޙާލަތު ވަޒަންކުރުމަށް ކުރެވުނު މަސައްކަތް ވެލިޑޭޓްކޮށް، ޕްރައިއޯރިޓީ އެކްސަސައިޒް ކުރިއަށް ގެންދިއުމުގެ ގޮތުން ބާއްވާ ބައްދަލުވުމެއް ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ކަށަވަރުކުރުމަށް ބޭއްވި މަސައްކަތު ބައްދަލުވުން. / ފޮޓޯ: އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ
މި ބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 24 އިން 25 އަށް ކަމަށް ވުޒާރާއިން ބުންޏެވެ.
ނުކުޅެދުންދެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، ވުޒާރާއިން ދާދި ފަހުން ބުނެފައިވަނީ ވުޒާރާގެ ބޭނުންތަކަށް ޚާއްޞަ ޑޭޓާބޭސްއެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މި ޑޭޓާބޭސްގެ ސަބަބުން އިޖްތިމާޢީ، އިޤްތިޞާދީ އަދި ޤުދުރަތީ ކާރިޘާ އެއް ނުވަތަ ލޮޅުމެއް ކުރިމަތިވާ ކޮންމެ ވަގުތެއްގައިވެސް އެންމެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ އެހީތައް ވަގުތުން ފޯރުކޮށްދީ ދައުލަތުގެ ރައްކާތެރިކަމުގެ ވިއުގައިން އެއްވެސް ފަރުދަކު ބާކީނުވާނެކަން ކަށަވަރުކުރެވިގެންދާނެ ކަމަށް ވުޒާރާއިން ވަނީ ބުނެފައެވެ.