އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ބޭނުންތަކަށް ޚާއްޞަ ޑޭޓާބޭސްއެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ވުޒާރާއިން ބުނެފިއެވެ.
ވުޒާރާއިން ބުނީ ވުޒާރާގެ ބޭނުންތަކަށް ޚާއްޞަ ޑޭޓާބޭސްއެއް ނެތުމުގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމުގެ ގޮތުން ޑޭޓާބޭސްއެއް ޤާއިމްކުރުމަށް ޔުނިސެފްގެ އެހީތެރިކަމާއިއެކު ކޮންސަލްޓަންޓްއެއް ނަގާފައިވާ ކަމަށެވެ.
ފަޤީރު، ނާޒުކު އަދި ހަވާސާވެފައިވާ ފަރާތްތަކުގެ ފުރިހަމަ މަޢުލޫމާތު އެއްކޮށް ރައްކާކުރާނެ އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމެއް ޤާއިމްކޮށް ދިވެހިރާއްޖޭގެ އާބާދީގައި ތިބި 65 އަހަރުން މަތީގެ އެންމެހާ ފަރާތްތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ފުރިހަމަ މަޢުލޫމާތު އަދާހަމަކޮށް ބެހެއްޓޭނެ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށް ވުޒާރާއިން ބުންޏެވެ.
މި ޑޭޓާބޭސް ޤާއިމްކުރެވުމުން ވުޒާރާއަށް ހުށަހެޅޭ މައްސަލަތަކާއި، އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) މޮނީޓަރިންގގައި ނެގޭ މަޢުލޫމާތާއި އަދި "ހާލު ކިހިނެއް؟" ޕްރޮގްރާމްގައި ނެގޭ މަޢުލޫމާތު އިތުރަށް ފުރިހަމަވެ ޞައްޚަކަން ކަށަވަރުވެގެންދާނެ ކަމަށް ވުޒާރާއިން ބުންޏެވެ.
ވުޒާރާއިން ބުނީ މި މަސައްކަތުގެ ދަށުން މިވަގުތު އިބަމަ ރިސޯރސް މެޕިންގ ޕޯރޓަލް ތައްޔާރުކޮށް ގެންނަންޖެހޭ އިސްލާހުތައް ގެނެވިފައިވާ ކަމަށެވެ. އަދި މި ޑޭޓާބޭސްގެ މަސައްކަތް މި އަހަރުގެ ތެރޭގައި ނިންމުމަށް ރޭވިފައިވާކަމަށް ވުޒާރާއިން ބުންޏެވެ.
މީގެ އިތުރުން، މި ނިޒާމު ފުރިހަމަވެގެންދާއިރު ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރެއިން ފަޤީރު އަދި ނާޒުކު ހާލަތުގައި ދިރިއުޅޭ ހަވާސާވެފައިވާ ފަރާތްތަކުގެ ޖުމްލަ އާބާދީއާއި އެ އާބާދީގެ ފުރިހަމަ މައުލޫމާތު (ދިރިއުޅޭތަން – މެޕިން) ދެނެގަނެވި، އަދި އެ މަޢުލޫމާތު ޤަވާޢިދުން އަދާހަމަކޮށް ބެލެހެއްޓޭނެ ގޮތްތައް ކަނޑައެޅި، އިޖްތިމާޢީ، އިޤްތިޞާދީ އަދި ޤުދުރަތީ ކާރިޘާ އެއް ނުވަތަ ލޮޅުމެއް ކުރިމަތިވާ ކޮންމެ ވަގުތެއްގައިވެސް އެންމެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ އެހީތައް ވަގުތުން ފޯރުކޮށްދީ ދައުލަތުގެ ރައްކާތެރިކަމުގެ ވިއުގައިން އެއްވެސް ފަރުދަކު ބާކީނުވާނެކަން ކަށަވަރުކުރެވިގެންދާނެ ކަމަށް ވުޒާރާއިން ބުންޏެވެ.