ގއ. ކަނޑުހުޅުދޫގައި ރޭ ހިނގި މާރާމާރިއެއްގައި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.
ފުލުހުން ބުނީ ކަނޑުހުޅުދޫގައި ދެ މީހެއްގެ ދެމެދުގައި މާރާމާރީއެއް ހިނގި މައްސަލައެއް ރޭ 21:37 ގައި އެ އިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ މާރާމާރީގައި ދެ މީހުންނަށް ވެސް އަނިޔާވި ކަމަށާއި އެ ދެމީހުންނަށް ގއ. ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި، އެ ދެ މީހުންގެ ތެރެއިން އެކެއްގެ އަތަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފަ އެވެ.
ގއ. އަތޮޅު ހޮސްޕިޓަލުން ޚުލާސާ ނޫހަށް މައުލޫމާތު ދިންގޮތުގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ 37 އަހަރުގެ ޒުވާނާއަށެވެ. އެމީހާގެ ކޮނޑުގެ ލިގަމެންޓަށް ތޫނު އެއްޗެއް ހެރުމުގެ ސަބަބުން ބޮޑެތި އަނިޔާ ވެފައިވާ ކަމަށާއި އިތުރު ފަރުވާ އަށް އޭނާ މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ. ވިލިގިލީ ހޮސްޕިޓަލުން ބުނީ 40 އަހަރުގެ މީހާއަށް އަނިޔާވެފައިވަނީ ހަމައެކަނި ބޮލަށެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.









