ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ފުލުހަކަށް ވަޅިއަކުން ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ، ތަހުގީގީ މަރުހަލާ ނިމެންދެން ބަންދުކޮށްފި އެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އދ. ދަނގެތީ، ލިލީގެ، ހުސެއިން ފާއިގް، 33 އެވެ.
ފުލުހުން މިއަދު ބުނީ އޭނާގެ ބަންދާއި މެދުގައި ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ތަހުގީގު މަރުހަލާ ނިމެންދެން އޭނާ ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ހުސެއިން ފާއިގު ހައްޔަރުކުރީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ތޫނު އެއްޗެއް ބޭނުންކޮށްގެން މީހާކަށް ހަމަލާ ދޭން އުޅުނު މައްސަލާގައި މިދިޔަ ހުކުރު ދުވަހު އެވެ. އޭނާ ހަމަލާދޭން އުޅުނީ ހުޅުމާލޭ ސަހަރާގެ މިސްކިތުގައި އިމާމުވެ ނަމާދުކުރަން ހުރި މުދިމަށެވެ. އެކަމަކު، އަނިޔާވީ އޭނާ ހުއްޓުވަން މަސައްކަތް ކުރި ފުލުހަކަށެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.









