ކުރީގެ ބޮލީވުޑް ތަރި ސަނާ ޚާން އާއި އޭނާގެ ފިރިމީހާ މުފްތީ އަނަސް ސައްޔިދްއަށް ދެވަނަ ދަރިއަކު ލިބެން އުޅޭ ކަމުގެ އުފާވެރި ޚަބަރު ދީފިއެވެ. މި ޚަބަރު ސަނާ ހިއްސާކޮށްފައިވަނީ އޭނާގެ އޮފިޝަލް އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށެވެ.
ސަނާ އޭނާގެ ޕޯސްޓުގައި ބުނެފައިވަނީ، "ﷲ ސުބްހާނަހޫ ވަތަޢާލާގެ ރަޙުމަތުން އަޅުގަނޑުމެންގެ އާއިލާއަށް އިތުރު މެންބަރަކު އަންނަން އުޅޭ" ކަމަށެވެ. އަދި އެމީހުންގެ ދޮށީ ދަރިފުޅު ސައްޔިދް ތޯރިގް ޖަމީލް ވެސް ހުންނަނީ ބޭބެއަކަށް ވެވޭތީ ވަރަށް އުފަލުން ކަމަށް ވެސް ސަނާ ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، އޭނާ ވަނީ މި ނިޢުމަތަށް ޝުކުރުވެރިވެ، އެމީހުންގެ ދިރިއުޅުމަށް ހެޔޮ ދުޢާ ކުރުމަށް އެދިފައެވެ.
ސަނާގެ މި އިޢުލާނާއި ގުޅިގެން، އޭނާގެ ފޭނުންނާއި ގާތް ރައްޓެހިން ވަނީ މަރުޙަބާ ކިޔައި، އުފާވެރި ކޮމެންޓުތައް ދީފައެވެ. ގިނަ ބަޔަކު ވަނީ އެމީހުންގެ ދަރިފުޅު ދުނިޔެއަށް އަންނާނެ ދުވަހަކަށް އިންތިޒާރުކުރެވޭ ކަމަށާއި، ސަނާ އާއި އަނަސްއަކީ އެމީހުންގެ ދަރިންނަށް ނަމޫނާ މައިންބަފައިންނަށް ވާނެ ކަމަށް ޔަގީންކަން ފާޅުކޮށްފައެވެ.
ސަނާ ފިލްމީ ދާއިރާ ދޫކޮށްލާފައިވަނީ 2020 ވަނަ އަހަރުއެވެ. އޭނާ ބުނެފައިވަނީ މިހާރު އޭނާ ބޭނުންވަނީ އިސްލާމްދީން އުނގެނި، އެހެން މީހުންނަށް އުނގަންނައިދިނުމުގައި ދެމިހުރުމަށް ކަމަށެވެ. ސަނާ ފިލްމީ ދާއިރާ ދޫކޮށްލި ޚަބަރު އިޢުލާންކުރިތާ އެއް މަސް ފަހުން، އޭނާ ވަނީ މުފްތީ އަނަސް ސައީދުއާއި ކައިވެނިކޮށްފައެވެ.









