ރާއްޖޭގެ ފަތުވާގެ ނިޒާމު ހަރުދަނާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އިއްޔެ ބޭއްވުނު ރާއްޖޭގައި ފަތުވާ ދިނުމުގެ ނިޒާމު ހަރުދަނާކުރުމާ ބެހޭ ފުރަތަމަ މަހާސިންތާ އިފްތިތާޙު ކުރުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ޝަހީމް ވިދާޅުވީ ފިޤުހުގައި ފަތުވާގެ މަޤާމަކީ ވަރަށް މަތިވެރި މަޤާމެއްކަމަށާއި، މިޒަމާނުގައި ކުރިމަތިވެފައިވާ ޒަމާނީ ފިޤުހީ މައްސަލަތަކުގައި ޙުކުމްތައް ބަޔާންކުރުމުގައި ޖަމާޢީ ގޮތުން މަޝްވަރާކުރެވެންޖެހޭ ކަމަށެވެ. އަދި ފަރުދީގޮތުން ފަތުވާދީ ހެދުމަކީ އިސްލާމީ މުޖުތަމަޢު ބައިބައިވެގެން ހިނގައިދާނެ ކަމެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ދީނީ ކަންކަމުގައި ފަތުވާ ދޭ އިރު، މީސްތަކުންގެ ޙާލަތާއި އާދަކާދައާއި ސަޤާފަތާއި ޒަމާނާ މެދު ރިޢާޔަތްކުރުމަކީ މުހިންމު ކަމެއްކަމަށެވެ. އަދި އިސްލާމީ ޝަރީޢަތުގެ މަޤުޞަދުތަކާއި މުޖުތަމަޢާއި ދައުލަތުގެ ޢާއްމު މަޞްލަޙަތު އިސްކުރަންޖެހޭނެކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގެ ފަތުވާގެ ނިޒާމު ހަރުދަނާކުރުމަކީ ސަރުކާރުގެ ސިޔާސަތެއްކަމަށާއި ދީނީ އެއްބައިވަންތަކަން ޤާއިމުކުރެއްވުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިގޮތުން ގިނަ ދުވަސްތަކަކަށްފަހު ފަތުވާ ކައުންސިލްގެ މެންބަރުން ހަމަނުވެ އޮތް އޮތުން ނިމުމަކަށް ގެނެސް، ޤާނޫނުގައި ބުނާ ފުރިހަމަ ޢަދަދަށް މެންބަރުން ޢައްޔަންކުރައްވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް އެކުލެވިގެންވަނީ ފަސް މެމްބަރުންގެ މައްޗަށެވެ. މިގޮތުން މިނިސްޓަރ އައްޔަންކުރައްވާ މެމްބަރަކާއި، ޝަރުޢީކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރުގެ ލަފާފުޅުގެ މަތިން ޢައްޔަންކުރައްވާ މެމްބަރަކާއި، އިސްލާމިކް ޔުނިވަރސިޓީގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޢައްޔަންކުރާ މެމްބަރުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ ދެ މެމްބަރުން ހިމެނެއެވެ.
ވަޒީރު ޝަހީމް އިތުރަށް ވިދާޅުވީ ރާއްޖޭގައި ވަޢުޒާއި އިރުޝާދާއި ފަތުވާ ދިނުން ދަރަޖަކުރުމާމެދު އިލްމުވެރިންގެ މަޝްވަރާ ބޭނުންވާކަމަށެވެ. އަދި އިސްލާމީ ކަންކަން ހިންގުމުގައި އިލްމުވެރިން ދެއްވާ ލަފާފުޅުތަކަށް އަބަދުވެސް އިޙުތިރާމް ކުރައްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.









