އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވުމަށް އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިޢުލާނުކުރައްވައިފިއެވެ.
މިކަން ހާމަވީ ފައްޔާޒު މިއަދު އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ރަސްމީ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖަކުންނެވެ. އެ މެސެޖުގައި ފައްޔާޒު ވިދާޅުވެފައިވަނީ 2028 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާ ކަމަށާއި އެންމެހާ ބޭފުޅުންގެ ތާއީދަށް އެދިލައްވާ ކަމަށެވެ.
ރައީސް ސޯލިހުގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރުކަންވެސް ކުރެއްވި ފައްޔާޒަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިޢުލާނުކުރެއްވި އެޕާޓީގެ ލީޑަރޝިޕްގެ ފުރަތަމަ ބޭފުޅާއެވެ.
އެމްޑީޕީގެ އިސް ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ބެލެވޭ ބޭފުޅުންގެ ތެރޭގައި ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު ވެސް ހިމެނިވަޑައިގަންނަވައެވެ.
ދާދި ފަހުން ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ އިސް އެޑްވައިޒަރު އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ދެތިން ބޭފުޅަކު ޝައުޤުވެރިވެވަޑައިގެންފައިވާކަން އެނގިލައްވާކަން ހާމަކުރައްވާފައެވެ. ނަމަވެސް އެއީ ކޮން ބޭފުޅުންތަކެއްކަން ކުރީގެ ރައީސް ޞާލިޙް ހާމަނުކުރައްވައެވެ. އަދި ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެތޯ ކުރެއްވި ސުވާލަށް ރައީސް ޞާލިޙް އެ އިންޓަވިއުގައި ސީދާ ޖަވާބެއް ނުދެއްވައެވެ.



