އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ގުޅިގެން ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި އިމާމުންނަށް އަމާޒުކޮށްގެން 'ފަތުވާ މަހާސިންތާ' މިއަދު ފަށައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވާ ގޮތުގައި މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ މިފަދަ ފުރަތަމަ މަހާސިންތާއެވެ. "މުޖުތަމަޢު އިސްލާޙު ކުރުމުގައި ފަތުވާގެ ދައުރު" މި ނަމުގައި ބޭއްވޭ މި މަހާސިންތާގެ މަޤްޞަދަކީ ދިވެހިރާއްޖޭގައި ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމާއި އިސްލާމްދީނުގެ މަތިވެރި ދަންމަރު ފެތުރުމަށް މަސައްކަތްކުރައްވާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމުގެ ފުރުޞަތު ހޯދައިދިނުމެވެ.
މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، އިސްލާމީ ފިޤުހމީ ފިޤުހުގައި ފަތުވާގެ މަޤާމަކީ ވަރަށް މަތިވެރި މަޤާމެއްކަމަށާއި ވަކި ކަމެއްގެ ޝަރުޢީ ޙުކުމެއް ބަޔާންކުރުމުގެ ކުރިން އެކަމެއްގެ ޙަޤީޤަތް ތަޞައްވުރު ކުރުމަކީ ޝަރުޢީ ޤަވާޢިދެއްކަމުގައެވެ.
ވަޒީރު އިތުރަށް ވިދާޅުވީ މިޒަމާނުގައި، ކުރިމަތިވެފައިވާ ޒަމާނީ ފިޤުހީ މައްސަލަތަކުގައި ޙުކުމްތައް ބަޔާންކުރުމުގައި ޖަމާޢީ ގޮތުން މަޝްވަރާކުރެވެން ޖެހޭކަމަށާއި އެފަދަ ކަންކަމުގައި ފަރުދީގޮތުން ފަތުވާދީ ހެދުމަކީ އިސްލާމީ މުޖުތަމަޢު ބައިބައިވެގެން ހިނގައިދާނެ ކަމެއްކަމުގައެވެ.
މި މަހާސިންތާ ކުރިއަށް ގެންދަނީ ޕެނަލް ޑިސްކަޝަންތަކެއް ހިމެނޭހެންނެވެ. މި ޕެނަލް ޑިސްކަޝަންތަކުގައި ދިވެހިރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ ދީނީ ޢިލްމުވެރިން ބައިވެރިވެލައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.









