އިންޓަނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (އައި.އޭ.އީ.އޭ) ގެ ގަވަރނަރުންގެ ބޯޑުން ފާސްކުރި ގަރާރަކަށް ރައްދު ދިނުމުގެ ގޮތުން، އިރާނުން އާ އަދި ޒަމާނީ ސެންޓްރިފިއުޖްތަކެއް ތަޢާރަފުކުރަން ނިންމައިފިއެވެ.
ޒަމާނީ ސެންޓްރިފިއުޖްތަކަކީ ނިއުކްލިއަރ ޓެކްނޮލޮޖީގައި ބޭނުންކުރާ އެންމެ ފަހުގެ ވަރަށް ބާރަށް ދައުރުވާ މެޝިންތަކެކެވެ. މިއީ ޔުރޭނިއަމް މުއްސަނދިކުރުމަށް ބޭނުންކުރާ މެޝިންތަކެވެ. މީގެއިން ސެންޓްރިފިއުޖް ދައުރުވުމުން، ޔުރޭނިއަމްގެ އައިސޮޓޯޕްތައް ވަކިވެ، ޔުރޭނިއަމް-235 އާއި ޔުރޭނިއަމް-238 ވަކިކުރެވެއެވެ. މި ޒަމާނީ ސެންޓްރިފިއުޖްތަކަކީ ނިއުކްލިއަރ ޕްރޮގްރާމްތަކުގައި ބޭނުންކުރާ އެންމެ ފަހުގެ ޓެކްނޮލޮޖީއެވެ.
އީރާނާއި ދެކޮޅަށް އިގިރޭސިވިލާތާއި، ފްރާންސް އަދި ޖަރުމަނުން ހުށަހެޅި ގަރާރު ފާސްކޮށްފައިވަނީ 19 މެންބަރުންގެ ތާއީދާ އެކުގައެވެ. ގަރާރުގައި ބުނެފައިވަނީ އިރާނުން އޭޖެންސީއާ އެކު އެކަށީގެންވާ ވަރަށް އެއްބާރުލުން ނުދޭ ކަމަށާއި، 2025 ވަނަ އަހަރުގެ ބަހާރު މޫސުމަށް ވުރެ ލަސްނުކޮށް އިރާނުގެ ނިއުކްލިއަރ ހަރަކާތްތަކާ ބެހޭ "ފުރިހަމަ" ރިޕޯޓެއް ހުށަހެޅުމަށް އެދިފައެވެ.
އިރާނުގެ އެޓޮމިކް އެނަރޖީ އޮގަނައިޒޭޝަނުގެ ޑެޕިއުޓީ ޗެއަރމަން ބެހްރޫޒް ކަމަލްވަންދީ ވިދާޅުވީ މި ގަރާރަށް ޖަވާބު ދިނުމުގެ ގޮތުން، އިރާނުން ވަގުތުން ފިޔަވަޅުތަކެއް އަޅަން ފަށައިފައިވާ ކަމަށެވެ. މިގޮތުން، އިރާނުން ޔުރޭނިއަމް މުއްސަނދިކުރުމުގެ ޤާބިލުކަން ބޮޑުތަނުން އިތުރުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިރާނުގެ ފޮރިން މިނިސްޓްރީ އާއި އެޓޮމިކް އެނަރޖީ އޮގަނައިޒޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ގިނަ ޢަދަދެއްގެ އެކި ބާވަތުގެ ޒަމާނީ ސެންޓްރިފިއުޖްތައް" ހިންގަން ފެށުމަށް އިރުޝާދު ދީފައިވާ ކަމަށެވެ. މި ފިޔަވަޅަކީ އިރާނުގެ ޤައުމީ މަސްލަޙަތު ރައްކާތެރިކުރުމަށާއި، މަދަނީ ނިއުކްލިއަރ ޕްރޮގްރާމަށް އިތުރަށް ބޭނުންވާ ކަންކަން ފުއްދުމަށް އަޅާ ފިޔަވަޅެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.









