ޓޫރިޒަމް މިނިސްޓްރީން ދެމުން އަންނަ މޯލްޑިވްސް ޓޫރިޒަމް އެވޯޑްސްގެ ތިންވަނަ އެޑިޝަނަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް (އެމްޓީއޭ) އަކީ ޓޫރިޒަމް މިނިސްޓްރީން 2022 ވަނަ އަހަރު ތަޢާރަފްކުރި އަހަރީ ޤައުމީ އެވޯޑެކެވެ.
މިއަހަރުގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ރާއްޖޭގެ ހުރިހާ ރިސޯޓްތަކާއި، ހޮޓާތަކާއި، ގެސްޓްހައުސްތަކާއި، ސަފާރީ އުޅަނދުތަކާއި، ޑައިވް ސެންޓަރުތަކަށާއި އަދި ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި އެހެނިހެން ވަސީލަތްތަކަށެވެ.
އެވޯޑްތަކަށް ޝައުޤުވެރިވާ ފަރާތްތަކަށް މިނިސްޓްރީގެ ވެބްސައިޓުން އިތުރު މަޢުލޫމާތު ލިބޭނެ ކަމަށާއި، އޮންލައިން ލިންކު މެދުވެރިކޮށް ކުރިމަތިލެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 28 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1 ޖަހާއިރު ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް 2024 ގެ ތަފްޞީލީ މަޢުލޫމާތު ހޯދުމަށް ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓަށް ޒިޔާރަތްކުރުމަށް އެ މިނިސްޓްރީން އެދިފައިވެއެވެ.









