އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ކުރީގެ ދިފާޢީ ވަޒީރު ޔޯވް ގަލަންޓްގެ ހައްޔަރުކުރުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން ނެރުނު އަމުރާއި ގުޅިގެން އިސްރާއީލަށް އެންމެ ބޮޑަށް އެހީ ފޯރުކޮށްދޭ އެމެރިކާ އާއި އަދި އެމެރިކާގެ ބައެއް އެކުވެރިންނާއި ޔަހޫދީ އާބާދީ އޮންނަ ބައެއް ޤައުމުތަކުން ފާޅުގައި އައިސީސީއަށް ގޮންޖަހަން ފަށައިފިއެވެ.
އެމެރިކާ އިން ވަނީ މި އަމުރު ބަލައިނުގަނެ، އައިސީސީ އަށް މިކަމުގައި އިޚްތިޞާޞް ނެތް ކަމަށް ބުނެފައެވެ. ވައިޓް ހައުސްއިން ފާހަގަކުރި ގޮތުގައި މި އަމުރު ނެރުމުގައި ކަންބޮޑުވާ ފަދަ އިޖުރާއީ މައްސަލަތަކެއް ހުއްޓެވެ. ޖޯ-ބައިޑެން ވިދާޅުވީ ކޮންމެފަދަ ޙާލަތެއްގައިވެސް އިސްރާއީލުގެ މަސްލަޙަތު ޙިމާޔަތް ކުރުމުގައި އެމެރިކާ ދެމިއޮންމާނެ ކަމަށާއި ހަމާސްއާއި އިސްރާއީލް އެއްހަމަ ކުރެވޭނެ އެއް ގޮތެއްވެސް ނޯންނާނެ ކަމަށެވެ. އެހެންކަމުން ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓުގެ އަމުރު ބަލައިނުގަންނާނެ ކަމަށާއި އެ އަމުރު ތަންފީޛެއް ނުކުރެވޭނެ ބައިޑެން ވިދާޅުވިއެވެ. ބައިޑެން ވިދާޅުވީ އެމެރިކާ ދެމިއޮންނާނީ އިސްރާއީލުގެ ސެކިއުރިޓީ ކަށަވަރުކުރުމަށެވެ.
އެމެރިކާއިން އިސްރާއީލަށް ދީފައިވާ އެންމެ ފަހުގެ ޒަމާނީ މިސައިލްތަކެއް
އިނގިރޭސީވިލާތުން ވެސް ވަނީ ނަތަންޔާހޫ ހައްޔަރުކުރުމާއި ދެކޮޅު ހަދާފައެވެ. އައިސީސީގެ ހައިބަތު ޤަބޫލުކުރާ ކަމަށާއި ބައިނަލްއަޤްވާމީ ނިންމުންތަކަށް އިޙްތިރާމްކުރާ ކަމަށް އިނގިރޭސީވިލާތުން ބުނިކަމުގައި ވިޔަސް ނަތަންޔާހޫ ހައްޔަރުކުރާކަށް އިނގިރޭސީވިލާތުން ވެސް ބޭނުމެެއް ނުވެއެވެ.
އައިސީސީގެ ނިންމުމާއިމެދު ހަންގޭރީން ވަނީ "ލަދުވެތި އަދި ބުއްދި ޤަބޫލުނުކުރާ" ކަމެއްގެ ގޮތުގައި ސިފަކޮށް، އިސްރާއީލްގެ ލީޑަރުން ހަމާސް އާއި އެއްހަމައެއްގައި ބެހެއްޓުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ބުނެފައެވެ. ހަންގޭރީގެ ޚާރިޖީ ވަޒީރު ޕީޓަރ ސިޖާރްޓޯ ވިދާޅުވީ އައިސީސީ ބަލައިނުގަންނާނެ ކަމަށާއި، އެ އަމުރަކީ ބައިނަލްއަޤްވާމީ ޢަދުލު އިންސާފުގެ އިތުބާރަށް ގެއްލުން ލިބޭނެ އަމުރެކެވެ. އަދި ހަމާސް އަކީ ޓެރަރިސްޓުން ކަމަށާއި އިސްރާއީލަކީ ޙައްޤު ގޮތުގައި މަސައްކަތްކުރާ ޤައުމެއް ކަމަށް ޕީޓަރ ސިޖާރްޓޯ ވިދާޅުވެފައި ވެއެވެ.
ހަންގޭރީގެ ޚާރިޖީ ވަޒީރު ޕީޓަރ ސިޖާރްޓޯ އާއި ނަތަންޔާހޫ - ޕީޓަރ ސިޖާރްޓޯ ވިދާޅުވީ ހަމާސް ފަދަ ޓެރަރިސްޓުން މަރައިލައިގެން އިސްރާއީލް ވެރިން ހައްޔަރެއް ނުކުރެވޭނެ ކަމަށާއި އިސްރާއީލް އޮތީ ޙައްޤު ގޮތުގައި ކަމަށް.
އާޖެންޓީނާގެ ރައީސް ޖަވިއަރ މިލެއި ވެސް ވަނީ މި ނިންމުމާއި ދެކޮޅު ހަދައި، ޙަމާސް ފަދަ ޖަމާޢަތްތަކުގެ ޙަމަލާތަކުން ދިފާޢުވުމުގެ ޙައްޤު އިސްރާއީލަށް އޮތް ކަމަށް ބުނެފައެވެ. ހަމައެހެންމެ، އޮސްޓްރިއާއިން މި އަމުރަކީ ވިސްނައިގަނެވޭ ކަމެއް ނޫން ކަމަށް ބުނި ނަމަވެސް، އައިސީސީގެ ޤަވާޢިދުތަކަށް ތަބާވުމަކީ އެ ޤައުމުގެ ޒިންމާއެއް ކަމަށް ޤަބޫލުކުރިއެވެ.
އައިސީސީން އިއްޔެ ނަތަންޔާހޫއާއި ގަލަންޓު ހައްޔަރުކުރުމަށް އަމުރު ނެރުމާއި ގުޅިގެން، އިސްރާއީލުން ވެސް ވަނީ އައިސީސީގެ މި ނިންމުމަށް ވަރަށް ހަރުކަށި ޢިބާރާތުން ފާޑުކިޔާފައެވެ. ބޮޑުވަޒީރުގެ އޮފީހުން ބުނީ އައިސީސީގެ ނިންމުމަކީ ސީދާ ޔަހޫދީ ނަސްލާއި ދެކޮޅަށް ނިންމާފައިވާ ނިންމުމެކެވެ. އަދި އިސްރާއީލުން އައިސީސީގެ އަމުރު އަޅާކިޔާފައިވަނީ މަޝްހޫރު ޑްރެއިފަސް ޝަރީޢަތާ އެވެ.
ޑްރެއިފަސް ޝަރީޢަތަކީ 1894 ގައި ފްރާންސްގައި ހިނގި މަޝްހޫރު ޝަރީޢަތެކެވެ. އަލްފްރެޑް ޑްރެއިފަސް ނަމަކަށް ކިޔުނު ޔަހޫދީ ސިފައިންގެ މީހަކު ޖާސޫސްކަން ކުރި ކަމަށް ބުނެ އޭނާއާއި ދެކޮޅަށް ކުރި ދަޢުވާއެކެވެ. ނަމަވެސް ފަހުން ޑްރެއިފަސް އަށް މަޢާފްދީ އޭނާއަކީ ކުށެއް ނެތް މައުސޫމް މީހެއް ކަމަށް 1906 ވަނަ އަހަރު ކަނޑައެޅިއެވެ.
ނަތަންޔާހޫ ހައްޔަރުކުރުމުގެ މައްސަލައިގައި ފުރާންސުން ވެސް އެއްބަސް ނޫން ކަމަށް ބުނެފިއެވެ. ނަތަންޔާހޫ އާއި ގަލަންޓު ފަދަ މުޖުރިމުން ހައްޔަރުކުރުމަށް އައިސީސީ އިން ނެރުނު އަމުރާއި ދެކޮޅު ހަދާ ޤައުމުތަކުން ބުނާ ގޮތުގައި މިއީ ބައިނަލްއަޤްވާމީ ޤާނޫނު ސިޔާސީކުރުމުގެ ސަބަބުން އައިސީސީގެ އިތުބާރަށް އުނިކަން އަންނާނެ ކަމެކެވެ. އަދި މިއީ ހަމަހަމަކަމާއި މެދު ސުވާލު އުފެދޭ ކަމެއް ކަމަށް އެފަރާތްތަކުން ފާހަގަކުރެއެވެ.
އިންޓަރނޭޝަނަލް ކްރިމިނަލްކޯޓާއި ޑިމޮކްރަސީގެ ޙައްޤުތަކަށް ވަކާލާތުކުރާ ހުޅަނގުގެ ބާރުގަދަ ޤައުމުތަކުން މުސްލިމުން ހިތްރުހޭ ކަމެއް ކުރަން ޖެހުނީމާ މިއަދު މިފެންނަނީ އެކަމާއި ދެކޮޅުހަދާ މަންޒަރެވެ.