އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، ރަސްމީ ދަތުރުފުޅެއްގައި ފުވައްމުލަކު ސިޓީއަށް ވަޑައިގަންނަވައިފިއެވެ.
މިނިސްޓަރ ގެ މި ދަތުރުފުޅަކީ ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެލެއްވުމަށް އެ ކޮލެޖުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ މިނިސްޓަރ ގެ މި ދަތުރުފުޅުގައި އެ ރަސްމިއްޔާތުގައި ބައިވެރިވެލެއްވުމުގެ އިތުރުން ފުވައްމުލަކު ސިޓީ ކައުންސިލާއި ބައްދަލުކުރެއްވުމާއި، ޙިފްޡު ކޮމިޓީ އަދި ޚުޠުބާ ކޮމިޓީގެ މެމްބަރުންނާއި ބައްދަލުކުރެއްވުމާއި، ޙާފިޡުންނާއި ބައްދަލުކުރެއްވުމާއި އެ ސިޓީގެ އިމާމުންނާއި ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން ފުވައްމުލަކު ސިޓީގައި އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ މަޝްރޫޢުތައް ބައްލަވާލެއްވުމާއި ވަޤުފް އިމާރާތް އެޅުމަށް ކަނޑައެޅިފައިވާ ސަރަޙައްދު ބައްލަވާލެއްވުމަށް ވެސް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިނިސްޓަރ އެނބުރި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23 ގައި ކަމަށް މިނިސްޓްރީން މަޢުލޫމާތުދެއެވެ.









