ޞަދަޤާތްކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށާއި، އާންމުންނަށް ކޮންމެ ތަނެއްގައި ވެސް ހުރެގެން އޮންލައިންކޮށް ޞަދަޤާތްކުރެވޭނެ އިންތިޒާމް ފަހިކޮށްދިނުމަށްޓަކައި އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި ޞަދަޤާތްކުރުމަށް ޚާއްސަ ސަފުޙާއެއް ޤާއިމްކުރުން ވެގެން ދިޔައީ އާންމު ގިނަ ބަޔަކަށް ލިބުނު ވަރަށް ބޮޑު ފަސޭހައަކަށް ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން ބުނީ މިނިސްޓްރީ މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވޭ ކަންތައްތަކުގެ ތެރޭގައި ޤުރުއާން ޙިފްޡު ކުލާސްތަކަށް އެހީވުމަށާއި، ޢުމްރާއަށް ފޮނުވުމަށް އެހީވުމާއި، އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމަށް އެހީވުމަށާއި، އިސްލާމީ ލައިބްރަރީތައް ޤާއިމްކުރުމަށް އެހީވުމަށާއި، މިސްކިތް ބިނާކުރުމަށް އެހީވުމަށާއި، ޤުރުއާން ހިތުދަސްކޮށް ނިންމާ ފަރާތްތައް ޢުމްރާއަށް ފޮނުވުމަށާއި، ދީނީ ހަރަކާތްތަކަށް ސްޕޮންސަރ ދިނުމުގެ އިތުރަށް މިސްކިތްތަކަށް އެހީވުން ހިމެނޭ ކަމަށެވެ. މި ހުރިހާ ކަމަކަށް ވެސް އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓު މެދުވެރިކޮށް އެހީތެރިކަމަށް އެދެވޭނެ އިންތިޒާމް ހަމަޖެހިފައިވާކަން މިނިސްޓްރީން ފާހަގަކުރިއެވެ.
މި ސަފުހާ އިފްތިތާޙްކޮށްދެއްވީ އޮގަސްޓު މަހުގެ 28 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޞަދަޤާތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައިލައްވައި މިނިސްޓަރ ވަނީ ވާހަކަފުޅުދައްކަވާފައެވެ.
މީގެ އިތުރުން މިނިސްޓްރީގެ ވެބްސައިޓު މެދުވެރިކޮށް ޞަދަޤާތްކުރެވޭނެ އިންތިޒާމް ހަމަޖެހުމަކީ ޞަދަޤާތްކުރަން ބޭނުންވާ މީހުންނަށް އިތުރު ފަސޭހަކަމެއް ލިބޭނެ ކަމެއް ކަމަށާއި ދީނީ އެކި ކަންކަމަށް ވީހާވެސް ގިނަ ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދެއްވުން އެދިވަޑައިގަންނަވާކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.









