ނައިންޓީ ޕްލަސްއިން އިންތިޒާމުކޮށްގެން ބޭއްވި ގޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ފުވައްމުލައް ޓީމު ކުޑަހުވަދޫ ޓީމާ ވާދަކޮށް 3-1 އިން މޮޅުވެއްޖެއެވެ. ފުރަތަމަ ޑިވިޝަންގެ ތަޖުރިބާކާރު ކުޅުންތެރިން ދެޓީމުގައި ވެސް ތިބިއިރު، މެޗުގެ ފުރަތަމަ ލަނޑު ޖެހީ ފުވައްމުލައް ޓީމުގެ ގާނާގެ ފޯވާޑް އޮއުސޫ ކޯފީއެވެ. އޭގެފަހުން ދެވަނަ ހާފުގައި ކުޑަހުވަދޫ ޓީމުން އަޙްމަދު މުއާދު ޖެހި ލަނޑުން ނަތީޖާ ހަމަހަމަ ކުރިއެވެ.
ނަމަވެސް މެޗުގެ 78 ވަނަ މިނެޓުގައި ކުޑަހުވަދޫ ޓީމުގެ އަޙްމަދު ރިލްވާން (ބެން) އަށް ދެވަނަ ރީނދޫ ކާޑު ދައްކައި ދަނޑުން ފޮނުވާލިއެވެ. އަދި އޭގެ މިނެޓެއް ފަހުން މުޙައްމަދު ސާއިފްއަށްވެސް ރަތް ކާޑު ދެއްކިއެވެ.
ކުޑަހުވަދޫ ޓީމު 9 ކުޅުންތެރިންނަށް ދަށްވުމާއެކު، ފުވައްމުލައް ޓީމުން އިތުރު ދެ ލަނޑު ޖަހައި މެޗު ކާމިޔާބު ކުރިއެވެ. ފުވައްމުލަކަށް އަލުން ލީޑު ނަގައިދިނީ 89 ވަނަ މިނެޓުގައި ޢަލީ ޝަމާލް ޢަބްދުﷲ އެވެ. އިތުރު ވަގުތުގައި މޫސާ އަޒީމް ޙަސަން ވަނީ ތިންވަނަ ލަނޑު ޖަހައި ފުވައްމުލަކަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.
މުބާރާތުގެ ދެވަނަ މެޗުގައި މިއަދު ހަވީރު ކުޅޭނީ ގދ. ފަރެސްމާތޮޑާ އާއި ދ. މީދޫއެވެ.



