އދ. ގެ ސަލާމަތީ މަޖިލީހުން ޣައްޒާގެ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ގޮވާލާ ހުށަހެޅުނު ޤަރާރެއް އެމެރިކާއިން ވީޓޯކޮށްފިއެވެ. މި ޤަރާރަކީ ސަލާމަތީ މަޖިލީހުގެ އިންތިޚާބީ މެންބަރުންގެ ގޮތުގައި ހިމެނޭ 9 ޤައުމަކުން ހުށަހެޅި ޤަރާރެކެވެ.
ޤަރާރުގައި ހިމެނޭ މުހިންމު ނުކުތާތަކުގެ ތެރޭގައި ރަހީނުކޮށްފައިވާ މީހުން އެއްވެސް ޝަރުތަކާ ނުލައި ދޫކޮށްލުމަށާއި، ދެ ފަރާތުން ވެސް ހަނގުރާމަ ހުއްޓާލުމަށް އެންގުން ހިމެނެއެވެ. އަދި މި ޤަރާރު ތަންފީޒުކުރުމަށް އދ. އިން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްވެސް ގޮވާލާފައިވެއެވެ.
މީގެ އިތުރުން، ޣައްޒާގައި ބަނޑުހައިހޫނުކަމުގެ ހާލަތުގައި ތިބި މީހުންނަށް ކާނާ ފޯރުކޮށްދިނުމުގެ ފުރުސަތު ވަގުތުން ފަހިކޮށްދިނުމަށްވެސް ޤަރާރުގައި ބަޔާންކޮށްފައިވެއެވެ.
ސަލާމަތީ މަޖިލީހުގެ ވޯޓުގައި 14 މެންބަރުން މި ޤަރާރަށް ތާއީދުކުރި ނަމަވެސް، އެ މަޖިލީހުގެ ދާއިމީ މެންބަރެއްކަމަށްވާ އެމެރިކާއިން ވީޓޯކުރުމާ ގުޅިގެން ޤަރާރު ފާސްނުވިއެވެ.
މި ޤަރާރު ވީޓޯކުރުމުގެ ސަބަބުން ޣައްޒާއަށް ކާނާއާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ދޮރު ބަންދުވެގެން ހިނގައްޖެއެވެ. މިހާރުވެސް އިޒްރޭލުން ހުރަސްއަޅަމުންދާތީ އެފަދަ އެހީތައް ޣައްޒާގެ އެތެރެއަށް ވެއްދޭނެ ގޮތެއް ނެތްކަން ފާހަގަކުރެވެއެވެ.









