ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މޮބައިލް އެޕްލިކޭޝަނާއި އިންޓަނެޓް ބޭންކިންގެ ޚިދުމަތް މިރޭ ދަންވަރު ވަގުތީ ގޮތުން މެދުކެނޑޭނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލްއިން ބުނީ މި ޚިދުމަތްތައް މެދުކެނޑޭނީ މެއިންޓެނަންސްގެ މަސައްކަތެއް ކުރުމަށްޓަކައި ކަމަށެވެ. އަދި މި މަސައްކަތަށް ގާތްގަނޑަކަށް އެއް ގަޑިއިރު ހޭދަވާނެ ކަމަށް ބެލެވޭ ކަމަށާއި، ޚިދުމަތް މެދުކެނޑޭނެ ކަމަށް ލަފާކުރެވޭ ވަގުތަކީ މިރޭ 2:00 އާއި 3:30 އާ ދެމެދުގައި ކަމަށް ބީއެމްއެލް އިން ބުންޏެވެ.
އެހެންނަމަވެސް، މި ވަގުތުގައިވެސް ބޭންކުގެ އެހެނިހެން ޚިދުމަތްތައް މެދުނުކެނޑި ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ. އޭގެ ތެރޭގައި އޭޓީއެމް، ޕީއޯއެސް މެޝިން، ޕޭމަންޓް ގޭޓްވޭ، ކާޑުގެ ޚިދުމަތްތައް އަދި ޔޫއެސްޑީ ބުކިންގ ޕޯޓަލްގެ ޚިދުމަތް ހިމެނެއެވެ.
ބޭންކުން އިތުރަށް ބުނެފައިވަނީ، މި ވަގުތުގައި މޮބައިލް އެޕާއި އިންޓަނެޓް ބޭންކިންގެ ޚިދުމަތް ބޭނުން ނުކުރެވުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިކަމަކަށް މާފަށް އެދޭ ކަމަށެވެ.









