ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުވެވަޑައިގަންނަވާ ޕާޓީ ބަދަލުކުރައްވާނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭގޮތަށް ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލު ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
އެ ބިލު މަޖިލީހުން ބަލައިގަނެ މިއަދު ބަހުސްކޮށްފައިވާއިރު، އެ ބިލު ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 69 މެންބަރުންނެވެ. އަދި 12 މެންބަރަކު ވަނީ އެ ބިލު ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓުދެއްވާފައެވެ.
ކުރީގެ އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ވެސް ގޮނޑި ގެއްލޭގޮތަށް ފާސްކުރި ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބިލު ތަސްދީޤު ކުރެއްވި ނަމަވެސް، މި "އެންޓި ޑިފެކްޝަން" ޤާނޫނުގައި ބާގަނޑުތަކެއް ހުރި ކަމަށާއި، އަދި މި ޤާނޫނުގެ ބައެއް މާއްދާތައް ޤާނޫނު އަސާސީއާ ފުށުއަރާ ކަމަށް ޤާނޫނީ ވަކީލުން ފާހަގަކޮށްފައިވެއެވެ.
މިހާރު އޮތް ޤާނޫނުގައިވާ، ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް އޮތް މާއްދާތައް އުވާލުމަށް އެދި އަމިއްލަ ފަރާތަކުން ހައިކޯޓަށް މައްސަލައެއް ހުށަހަޅާފައިވާކަން ވެސް ފާހަގަކުރެވެއެވެ.
މި ހުރިހާ ކަމަކަށް ރިޢާޔަތްކޮށް، ޕީއެންސީން ތައްޔާރުކޮށްފައިވާ ބިލުގައި، މަޖިލިސް މެންބަރުން މަޤާމުން ވަކިވާނެ ހަތަރު ޙާލަތެއް ބަޔާންކޮށްފައިވެއެވެ. އެއީ:
- އަމިއްލަ މެންބަރަކު ޕާޓީއަކާ ގުޅުން.
- އިންތިޚާބުވި އިރު ހުރި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުން.
- އިންތިޚާބުވި ޕާޓީން އަމިއްލައަށް ވަކިވުން.
- އިންތިޚާބުވި ޕާޓީން ވަކިކުރުން.
މިފަދަ ޤާނޫނެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް އެކުލަވާލިކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް އެމްޑީޕީ ވެރިކަމަށް އައިސް ވަނީ އެ ޤާނޫނު އުވާލާފައެވެ. އަދި އެ ވެރިކަމުގައި މަޖިލީހުގެ މިދިޔަ ދައުރުގެ ފަހުކޮޅު އެ ޕާޓީން ވަނީ އަނެއްކާވެސް އެފަދަ ޤާނޫނެއް ގެނެސްފައެވެ.









