ނެދަލެންޑްސް އަށް ބޮސްނިއާ އަތުން މޮޅެއް ނުވެވުނު

އުސްތާޛް މުޙައްމަދު ޢަލީ | 332 ދުވަސް ކުރިން - 20 ނޮވެންބަރު 2024 08:21
ޚުލާސާ

ނޭޝަންސް ލީގުގެ އެންމެ ފަހު މެޗުގައި ނެދަލެންޑްސް ވަނީ ބޮސްނިއާ އެންޑް ހަރޒެގޮވީނާއާ ދެކޮޅަށް 1-1 އިން އެއްވަރުވެފަ. ބޮސްނިއާ 2 ޕޮއިންޓާއެކު ފުލުން ނިންމާލިއިރި ނެދަރލޭންޑްސް އޮތީ ޖަރުމަނު ފަހަތުން ދެވަނައިގައި.

ނޭޝަންސް ލީގުގެ ގްރޫޕް އޭ3 ގެ އެންމެ ފަހު މެޗުގައި ނެދަލެންޑްސް ވަނީ ބޮސްނިއާ އެންޑް ހަރޒެގޮވީނާއާ ދެކޮޅަށް 1-1 އިން އެއްވަރުވެފައެވެ. މި މެޗު ކުޅުނީ ބޮސްނިއާގެ ސްޓޭޑިއަމް ބިލިނޯ ޕޮލްޖޭގައެވެ.

ރޮނަލްޑް ކޯމަންގެ ޓީމު ވަނީ މީގެ ކުރިން ކުއާޓަރ ފައިނަލަށް ދަތުރު ކަށަވަރުކޮށްފައެވެ. އެހެންނަމަވެސް މި މެޗުގައި އެއްވަރުވުމާއެކު، ގްރޫޕުން 9 ޕޮއިންޓާއެކު ދެވަނައަށް ދިޔައެވެ. ގްރޫޕް ކާމިޔާބުކުރި ޖަރުމަނުވިލާތަށްވުރެ 5 ޕޮއިންޓް މަދުންނެވެ.

މެޗުގެ 24 ވަނަ މިނެޓުގައި ބްރައިން ބްރޮބީ ވަނީ ނޯއާ ލަންގްގެ ކްރޮސްއަކުން ބޮލުން ޖަހައި ނެދަލެންޑްސްއަށް ލީޑު ހޯދައިދީފައެވެ. ނަމަވެސް 67 ވަނަ މިނެޓުގައި އަރްމެދިން ދެމިރޮވިޗް ވަނީ އީދިން ޖެކޯ ފޮވާލި ބާރު ޙަމަލާއެއް ނެދަރލޭންޑުގެ ގޯލްކީޕަރު މާކް ފްލެކެން ދިފާޢުކުރުމުން ކުޅުމުގެ ތެރެއަށް އައި ބޯޅަ ގޯލަށް ވައްދައި ބޮސްނިއާއަށް އެއް ޕޮއިންޓް ހޯދައިދީފައެވެ.

މީގެ ކުރިން ބޮސްނިއާގެ ކެޕްޓަން ޖެކޯގެ ޝޮޓެއް ވަނީ ޖޮރެލް ހަޓޯ ގޯލު ރޮނގުން ވެސް ސަލާމަތްކޮށްފައެވެ. އަދި ޖެކޯ ޖެހި ލަނޑެއް ވަނީ ފައުލެއް ކަމަށް ބުނެ ބާތިލު ވެސް ކޮށްފައެވެ. މި ނަތީޖާއާއެކު ބޮސްނިއާ ނިންމާލީ 2 ޕޮއިންޓާއެކު ގްރޫޕުގެ އެންމެ ފަހަތުންނެވެ..

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%