ފުޓްބޯޅަ ރަސްގެފާނު ރޮނާލްޑޯ އާއި، ޔަމާލް ކުރިމަތިލަނީ

ހުސައިން އިސްމާއިލް | 9 ދުވަސް ކުރިން - 6 ޖޫން 2025 10:57
ސްޕެއިންގެ ހުނަރުވެރި އަރަމުން އަންނަ ތަރި ލަމީން ޔަމާލް އަދި ފުޓުބޯޅައިގެ ރަސްގެފާނެއްގެ ގޮތުގައި ފާހަގަ ކުރެވޭ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ.
ސްޕެއިންގެ ހުނަރުވެރި އަރަމުން އަންނަ ތަރި ލަމީން ޔަމާލް އަދި ފުޓުބޯޅައިގެ ރަސްގެފާނެއްގެ ގޮތުގައި ފާހަގަ ކުރެވޭ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ.
ޚުލާސާ

ރޮނާލްޑޯ އަކީ ފުޓުބޯޅައިގެ ރަސްގެފާނެއް. އުމުރުން 40 ވީއިރުވެސް އޭނާ ނުހިފެހެއްޓޭ. ޔުއެފާ ނޭޝަންސް ލީގުގައި އޭނާއާއި ކުރިމަތިލަނީ އަރަމުން އަންނަ ސްޕެއިންގެ ޒުވާން ލަމީން ޔަމާލް.

އެންމެންވެސް އިއްތިފާގުވާ އެއްކަމެއް އެބައޮތެވެ. އެއީ އުމުރުން 40 އަށް އެޅުމުންވެސް ކްރިސްޓިއާނޯ ރޮނާލްޑޯ އެއް ލެވެލެއްގައި ކުޅެމުން އަންނަ ކަމެވެ. ތެދެކެވެ. އޭނާ ނުހިފެހެއްޓުނެވެ. ބައިނަލްއަގުވާމީ މެޗުތަކުގައި 137 ވަނަ ލަނޑު ޖަހައި، ޔޫއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި ޖަރުމަނު އަތުން 2-1 އިން ޕޯޗުގަލް މޮޅުކޮށްދިން ބަޠަލަކީ ރޮނާލްޑޯއެވެ. މި ލަނޑަކީ ރޮނާލްޑޯގެ ކެރިއަރުގައި ޖަރުމަނު ކޮޅަށް ޖެހި ފުރަތަމަ ގޯލެވެ. މި ލަނޑާއެކު ޔޫއެފާ ނޭޝަންސް ލީގުގައި އެއްކޮޅުން ފައިނަލަށް ޕޯޗުގަލް ދަތުރުކުރީއެވެ.

ފައިނަލުގައި ރޮނާލްޑޯ އާދީއްތަ ދުވަހު ވާދަ ކުރާނީ އަރަމުން އަންނަ އުމުރުން އެންމެ 17 އަހަރުގެ ކުޅަދާނަ ކުޑަކުޑަ ލަމީން ޔަމާލްގެ ސްޕެއިންއާއެވެ. ސްޕެއިން ފައިނަލުގެ ޖާގަ ކަށަވަރުކުރީ ސެމީ ފައިނަލުގައި ފްރާންސް އަތުން 5-4 އިން މޮޅުވެގެންނެވެ. ލަމީން ޔަމާލް ވަނީ ދެލަނޑު ޖަހާފައެވެ.

ސްޕެއިން އިން ފުރަތަމަ ފަހަރަށް ނޭޝަންސް ލީގުގެ ހޯދީ 2023 ވަނަ އަހަރުގެ ޖޫން މަހު ކްރޮއޭޝިއާ އަތުން 0-0 އިން އެއްވަރުވެ، ޕެނަލްޓީގައި 5-4 އިންނެވެ.

އެހެންކަމުން، ޔަމާލްގެ ފުރަތަމަ ފައިނަލުގައި މި ތަށި ހޯދުމަށް އޭނާ ވާދަކުރަން ޖެހިފައި ވަނީ ޕޯޗުގަލްގެ ފުޓްބޯޅަ ރަސްގެފާނާއި ދެކޮޅަށެވެ. 2019 ވަނަ އަހަރު ރޮނާލްޑޯ މި ތަށި އުފުލައިލިއިރު ޑިފެންޑިންގ ޗެމްޕިއަނުންނާއި ދެކޮޅަށް އާދީއްތަ ދުވަހު ކުޅޭ މި މެޗަކީ އެންމެންގެ ސަމާލުކަން ހުއްޓޭނެ މެޗެކެވެ. މިއީ 41 ވަނަ އައިބީރިއަން ޑާބީ ވެސް މެއެވެ.

ގައުމީ ޓީމާއެކު ރޮނާލްޑޯގެ ދަތުރު ވަރަށް ވެސް ހިތްގައިމެވެ. އޭނާ ވަނީ 220 މެޗު ކާމިޔާބުކޮށް، 137 ގޯލް ޖަހައިގެން ޕޯޗުގަލްގެ މުޅި ތާރީޚުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަށް ވެފައެވެ. ޔޫރޯ 2016 ގައި ޕޯޗުގަލް އިން ހޯދި ކާމިޔާބީތަކާއި 2019 ވަނަ އަހަރު ފުރަތަމަ ޔޫއެފާ ނޭޝަންސް ލީގުގައި ފައިނަލްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދި ކާމިޔާބީތަކުގައި އޭނާގެ ޙިއްޞާތައް ވަރަށް މުހިންމެވެ.

މިހާރު ކުރިއަށްދާ ނޭޝަންސް ލީގުގައި، ޕޮލެންޑް އަތުން 5-1 އިން މޮޅުވި މެޗުގައި އޭނާ ވަނީ ދެ ލަނޑު ޖަހައި، ޕޯޗުގަލް ކުއާޓާ ފައިނަލަށް ގެންގޮސްދިނުމުގައި ވެސް މުހިންމު ރޯލެއް ކުޅެދީފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%