ޔުވެންޓަސްގެ ސްޓްރައިކަރު ދުޝަން ވްލަހޮވިޗަށް އަނިޔާވުމާއި ގުޅިގެން އެ ޓީމުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ސާބިއާގެ ނޭޝަންސް ލީގު މެޗެއްގައި ކުޅެމުންދަނިކޮށް ވްލަހޮވިޗްގެ ކަނާތު ފަޔަށް އަނިޔާވެ، އޭނާ ވަނީ މެޗުން ބޭރުވެފައެވެ.
ޑެންމާކާއި ދެކޮޅަށް ކުޅުނު މެޗު ނިމުމާއި ކައިރިވަނިކޮށް، ވްލަހޮވިޗް އަނިޔާވެ ފަރުވާ ހޯދުމަށްފަހު ކޯޗުގެ އެދުމުގެ މަތިން މެޗުގައި އިތުރަށް ނުކުޅެ ރެސްޓު ކުރިއެވެ.
ސާބިއާއާއި ޑެންމާކް ކުޅުނު މެޗުގައި ވްލަހޮވިޗް ދަނޑުން ފައިބައިގެން ދަނީ. މިމެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެން
އަނިޔާގެ ކުޑަބޮޑުމިން ދެނެގަތުމަށް އިތުރު ޓެސްޓުތަކެއް ހަދަންޖެހޭއިރު، މި ހަފުތާގެ ހޮނިހިރު ދުވަހު ސަން ސިރޯ ސްޓޭޑިއަމްގައި މިލާނާ ދެކޮޅަށް ކުޅޭ މުހިންމު މެޗުގައި ވްލަހޮވިޗް ނުކުޅެވުމަކީ ޔުވެންޓަސްއަށް ލިބިދާނެ ބޮޑު ގެއްލުމެކެވެ. މިހާރު ވެސް ޓީމުގެ ގިނަ ކުޅުންތެރިން އަނިޔާވެފައިވާއިރު، ނިކޯ ގޮންޒާލެޒް، ވަސިލިޖެ އަޖިޗް، އަރކަޑިއުޝް މިލިކް އަދި ޑަގްލަސް ލުއިޒް ފަދަ މުހިންމު ކުޅުންތެރިން އަނިޔާގެ ލިސްޓުގައި ހިމެނެއެވެ. އަދި ޖުއާން ކަބަލް ވެސް ވަނީ ކޮލަމްބިއާގެ ޤައުމީ ޓީމާއެކު ކުޅެނިކޮށް އަނިޔާވެ، 6 މަސް ދުވަހަށް ކުޅުމާއި ދުރަށް ދާން ޖެހިފައެވެ..